ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނުލައި އެމްޑީޕީ ފުރިހަމަ ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި މިހެން ވިދާޅުވީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި މާލެ ސިޓީގެ ރައީސްކަމަށް ކުރިމަތިލައްވާ ސިފާގެ ކެމެޕްއިން ޖަލްސާގައި ރޭ އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުންނެވެ.

އިންތި ވިދާޅުވީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުއާއި ނުލާ ޕާޓީ ހިންގޭނެކަމަށް، ޕާޓީގެ މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން ގަބޫލުކުރައްވާއިރު އެގޮތަށް ވިސްނާނަމަ، އެއީ އެމްޑީޕީ އެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދާ ނުލައި އެމްޑީޕީ ނުހިންގޭނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"ބައެއް ބައެއް ފަރާތްތަކުން، އެމްޑީޕީގެ އެެރޭގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެބަ ވިސްނުން ބަހައްޓާ ރައީސް ނަޝީދާއި ނުލައި އުޅުމަށް. އެހެން ކަމަށް ވަނީނަމަ އަޅުގަނޑު ނެކޭ ގޮތުގައި ދެން އޮންނާނީކީ އެމްޑީޕީއެއް ނޫން. އެމްޑީޕީއަކީ ފަލްސަފާއެއް. ގަބޫލުކޮށްގެންތިބޭ ވަރަށް ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ޕާޓީއެއް،" އިންތި ވިދާޅުވި އެވެ.

މީގެ އިތުރުން އިންތި ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ހިޔާލު ތަފާތުވުމާއި ގުޅިގެން ޕާޓީ ތެރޭގައި ހަމަނުޖެހުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުން ސަރުކާރަށް ބަހުގެ ހޫނު ހަމަލާތައް މަޖިލީހުގައި އަމާޒުކުރާ މަންޒަރު ފެނިގެންދިޔަ ކަމަށް ވެސް އިންތި ފާހަގަ ކުރެއްވި އެވެ.

އިންތި ވިދާޅުވީ އެމްޑީޕީ އެމްޑީޕީގެ ގޮތުގައި އޮވެ ޕާޓީ ވަރުގަދަކުރަން ޕާޓީގެ ދެ ރައީސުން އެކުގައި މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ. އެގޮތުން ޕާޓީ ބައިބައި ކުރަން މަސައްކަތް ކުރާ ފަރާތްތަކަށް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ނުދިނުމަށް ވެސް އިންތި ގޮވާލައްވާފައިވެ އެވެ.

ރައީސް ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެދުގައި ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބު ބާއްވާއިރު، މިއިންތިޚާބުގައި އެމްޑީޕީ ތެރެއިން ރައީސް ނަޝީދާއި، ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ވަރަށް ވާދަވެރި ކެމްޕެއިނެއް ދަނީ ކުރަނުންނެވެ.