ކަލާޒް ޓީވީއިން 2006 ވަނަ އަހަރު ފެށިގެން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ ޑިޖިޓަލް ވާޝަން "ބިގް ބޮސް އޯޓީޓީ" ދިވްޔާ އަގަރްވާލް ކާމިޔާބު ކޮށްފި އެވެ.

ދިވްޔާ އަކީ ގިނަ ރިއަލިޓީ ޝޯތަކެއްގައި ބައިވެރިވެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

އެކަކު އަނެކަކަށް ކަނެކްޝަން ޕެއަ ހަދައިގެން ކުރިއަށް ގެންދިޔަ މި ޝޯގައި ކަނެކްޝަނެއް ނެތި ފިނާލޭ އާއި ހަމައަށް ދިޔަ ހަމައެކަނި ބައިވެރިޔަކީ ދިވްޔާ އެވެ. ފިނާލޭގައި ބިގްބޮސް އޯޓީޓީގެ ތަށި ދިވްޔާއަށް ލިބުނުއިރު 2.4 މިލިއަން ރުޕީސް ވެސް އޭނާއަށް ވަނީ އިނާމަކަށް ލިބިފަ އެވެ.

https://www.youtube.com/watch?v=noqZrKa26yE

ދިވްޔާއަށް ތަށި ލިބުނުއިރު ދެ ވަނަ ލިބުނީ މަޝްހޫރު ކޮރިއޯގްރާފު ނިޝާތު ބަޓްއަށެވެ. އެކްޓަރެސް ޝަމީތާ ޝެޓީއަށް ތިން ވަނަ އަދި އެކްޓަރު ރާކޭސް ބަޕާޓްއަށް ހަތަރު ވަނަ އެވެ.

މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރް ހޯސްޓުރި މި ޝޯގެ ފައިނަލްގައި ފަސް ބައިވެރިން ވާދަކުރިއިރު، ފައިނަލްގައި ވާދަކުރި ޕްރަތީކް ސެހަޖްޕަލް ވަނީ "ބިގް ބޮސް 15" ގައި ވާދަކުރަން ބިގް ބޮސްގެ ގެއިން ނުކުމެފަ އެވެ.

މި ޝޯގެ 15 ވަނަ ސީޒަން ފެށުމުގެ ކުރިން މިފަހަރު ޝޯގެ ޑިޖިޓަލް ވާޝަންގެ ގޮތުގައި ބިގްބޮސް އޯޓީޓީ ނަމުގައި ހަ ހަފްތާއަށް ކުރިއަށްދާ ޝޯއެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިއަށްފަހު ދެން ފެށޭނީ ސަލްމާން ހާން ހޯސްޓްކުރާ ބިގްބޮސް އެވެ.