އަންނަ ހުކުރުދުވަހުގެ ރޭ "މިނިވަންކަމުގެ ދިފާޢުގައި ދިވެހިން"ގެ ނަމުގައި ބޮޑު ހަރަކާތެއް އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބާއްވާނެކަން އިދިކޮޅު ކޯލިޝަނުން ހާމަކޮށްފި.

އަންނަ ހުކުރު ދުވަހުގެ ރޭ "މިނިވަންކަމުގެ ދިފާޢުގައި ދިވެހިން"ގެ ނަމުގައި ބޮޑު ހަރަކާތެއް އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބާއްވާނެކަން އިދިކޮޅު ކޯލިޝަނުން ހާމަކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ މިނިވަންކަމުގެ ދިފާއުގައި ދިވެހީން މި ގައުމީ ކެޕްމެއިން ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ކޮމިޓީގެ ޗެއާ ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމަކަށް ފަށްޓަވާފައިވާ މި ގައުމީ ހަރަކާތް ހުކުރު ދުވަހުގެ ރޭ ރަސްމީ ގޮތުން ލޯންޗްކޮށް އިތުރު ހަރުފަތްތަކަކަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިއީ ފެއްސާ ރަތާ ހުދުގެ އިވެންޓެއް ކަމަށާއި މި އިވެންޓްގައި ބައިވެރި ވުމުގެ ފުރުސަތު ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މި އިވެންޓްގައި މި ހަރަކާތުގެ ޚާއްސަ ލޯގޯއާއި ލަވަ އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް ހުރި ގޮންޖެހުންތަކާއި ރާއްޖެ އަޅުވެތިވެފައިވާ ގޮތުގެ އާ މައުލޫމާތުތައް ހާމަކުރާނެ ކަމަށްވެސް ކޮމިޓީން ބުނެެ އެވެ.

މި ހަރަކާތުގައި ބައިވެރި ވުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދިނެވެ. ނަމަވެސް އެއިން އެއްވެސް ޕާޓީއަކުން މިހަރަކާތުގައި ބައިވެރި ނުވެއެވެ. އެމްއާރްއެމާއި އަދާލަތުން ބުނީ ގައުމު ހަލަބޮލިވާ އެއްވެސް ކަމެއްގައި ބައިވެރި ނުވާނެ ކަމަށާއި ގައުމުގެ މިނިވަންކަން ގެއްލެމުންދާކަން އެނގިފައި ނުވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ބުނީ ހަމަ މި ބީދައިންނެވެ.

އެޕާޓީގެ ލީޑަރު ގާސިލް އިބްރާހީމް ދާދިފަހުން ވިދާޅުވީ ގައުމުގެ މިނިވަންކަން ގެއްލިގެންދާކަން އެނގިފައިނުވާ ކަމަށާއި އިންޑިޔާ ސިފައިން ވެސް ރާއްޖޭގައި ތިބިކަން އެނގިފައި ނުވާ ކަމަށާއި އެއިން މީހަކު ނުވެސް ދެކޭ ކަމަށެވެ.

މިނިވަން ކަމުގެ ދިފާއުގައި ހަރަކާތަކީ ރާއްޖެއަށް އިންޑިޔާގެ ނުފޫޒު ވަރަށް ބޮޑަށްވަދެ، މިސަރުކާރު އައިފަހުން ހަދަމުންދާ ގޮތް ނޭނގޭ އެގްރިމެންޓްތަކާއި އަދި އިންޑިޔާ ސިފައިން އެކި ނަންނަމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބައިތިއްބާ އިގްތިސާދީ ގޮތުން ގައުމު އަޅުވެތިކަމެއްގެ ތެރެއަށް ދާތީ އެކަމާ ދެކޮޅަށް މަސައްކަތް ކުރާ ގައުމީ ހަރަކާތެކެވެ.