މާގިރި ހޮޓަލުގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރައްވައިފި އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު ރޭ ވިދާޅުވީ އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނީ މާގިރި ހޮޓަލުގައި ރޯދަމަހު ރޯދަ ނުހިފާ އެމްޑީޕީގެ ސިޔާސީ އިސް މީހަކު އެއްޖިންސުން ގުޅުން ހިންގިކަން އޭނާއަށް އެނގުމުން އެކަމާ ފިޔަވަޅު އެޅުމުން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން އަންގައި، މިދިޔަ އަހަރުގެ ޖުލައި އަށްވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އޭނާއަށް ގުޅުއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

އަލީ ޒާހިރު ގުޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަންގަވައިގެން ކަމަށާއި އެގޮތަށް އެންގެވުމުން އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ، ރައީސަށް ވެސް ގުޅުއްވި ކަމަށް އޭނާ ވިދާޅުވެ އެވެ.

"ފުރަތަމަ ރައީސް ފޯނު ނުނަންގަވާ. ދެން ފަހުން ގުޅުއްވި. ވިދާޅުވީ އަލީ ވަހީދު މިވަގުތު އެއްފަރާތަށް ޖެހިލުމޭ އެންމެ އެދެނީ. ރައީސް ގުޅުއްވި އިރުވެސް ހުރީ ކީރިތި ކުރައްވަންހެން ހީވަނީ. ވިދާޅުވި ކުދިން އައިސް ދެއްކި ވާހަކައިން ދެން ރަނގަޅީ މިވަގުތު އިސްތިއުފާ ދެއްވުމޭ. ނޫންނަމަ މާދަމާ އެ މީހުން ދެން ކަންތައް ކުރާނީ ކިހިނެތް ކަމެއް ނޭނގެއޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑު ކޮމްޕްރޮމައިޒް ވާންޖެހޭ ކަމެއް ނެތޭ. އިސްތިއުފާ ސިޓީ ލިޔާ ހިތްވަރެއް ނެތޭ. އެއީ ރައީސްއާ ކުރި އެންމެ ފަހު ފޯން ކޯލް،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭނާ މާގިރީގައި އުޅުއްވި ކޮޓަރީގެ އިސްތަށިތައް ނަގައިގެން ޑީއެންއޭ ހެދި ކަމަށާއި އެކަމަކު އެއީ އޭނާގެ އިސްތަށި ނޫން ކަމަށެވެ. އަދި އެ ރިޕޯޓް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.