ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންވެފައި ހުންނަ ގޮތުން ނިދުމުގެ ފުރުސަތު ލިބެނީ ދުވަސް ނިންމާލުމަށްފަހު ރޭގަނޑު އެކަންޏެވެ. ނަމަވެސް އެއާ ޚިލާފަށް ދުވާލުގެ ވަގުތު ވެސް ކޮންމެ ވެސް ވަރަކަށް ނިދާލުމަކީ އެކަމުން ގިނަ ފައިދާތަކެއް ލިބޭ ކަމެއް ކަމަށް މާހިރުން ވަނީ ބުނެފަ އެވެ.

އެގޮތުން ބަލާލާއިރު ދުވާލުގެ ވަގުތު މަދުވެގެން 30 މިނެޓް ނިދާލުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ހަށިގަނޑަށް ގިނަ ބަދަލުތަކެއް އަންނާނެ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވެ އެވެ.

ދުވަސް ފަށައިގެން ކުރިއަށް ދާއިރު ހަށިގަނޑަށް "ބްރޭކް" އެއް ބޭނުންވާނެ އެވެ. އެގޮތުން ދުވާލު ގަޑީގައި ނިދާލުމަކީ ހަށިގަނޑަށް ބޭނުންވާ ބްރޭކް ލިބި ދުވަހުގެ ބާކީ ބައި ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށް އެހީ ވެދޭ ކަމެކެވެ.

ހަށިގަނޑުގައި ވަރު ޖެހުމާއި ވަރުބަލިކަން ކުޑަވުމަކީ މިކަމުން ލިބޭ ޖިސްމާނީ ފައިދާތަކަށް ވާއިރު ކަންކަމަށްދޭ ފަރުވާތެރިކަން އިތުރުވުމާއި ނިންމުންތައް ނިންމުމުގައި ރަނގަޅު ގޮތް ޚިޔާރު ކުރެވުމަކީ ދުވާލު ނިދުމުން ލިބޭ ނަފްސާނީ ފައިދާތަކެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ދުވާލު ނިދުމަށް އެންމެ ރަނގަޅު ވަގުތަކީ މެންދުރު ކެއުމުގެ ކުރިންނެވެ. މިގޮތަށް ނިދާއިރު 45 މިނެޓަށް ވުރެ އިތުރަށް ނުނިދުމަށް މާހިރުން ލަފާދެ އެވެ.

ދުވާލު ގަޑީގައި ނިދުމަކީ މިހާ ފައިދާތައް ލިބޭ ކަމަކަށް ވާއިރު މިއީ އަހަރުމެންގެ ދިރިއުޅުމަށް އިތުރުކުރުން ރަނގަޅު އާދައެކެވެ. ވަޒީފާގެ މަސައްކަތަށާއި އަމިއްލަ ސިއްހަތަށް ވެސް ގިނަ ފައިދާތަކެއް ކުރާތީ އެވެ.