އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނީ އެންމެ ދަބަހެއް ނޫން ކަމަށާއި އެ މައްސަލައިގެ ހެކި ވެސް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައި އަލީ ވަހީދު އަންގާރަ ދުވަހު ދެއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް ސޯލިހު އެ ފައިސާ ގެންދެވީ ރެހެންދި ފްލެޓްގައި އަދީބުއާ ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ. އަދި ރައީސް ސޯލިހު އެ ފައިސާ ގެންދެވީ ރެހެންދި ފްލެޓުން ކަޅު ދަބަހެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ އެންމެ އިސް ފަސް މީހުންގެ ތެރޭގައި ހިމެނޭ މީހަކު. ރެހެންދި ފްލެޓުން 35 މިލިއަން ހިފައިގެން ދިޔަ. އެ ވީޑިއޯ ވެސް ފުލުހުން ފޮރުވައިގެން އެއުޅެނީ ނޫންތޯ؟" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީގެ މި ވާހަކަތަކާ ގުޅިގެން ސަރުކާރުން ވަނީ އެކަމާ ގުޅޭ ހެކި ދެއްކުމަށާއި، އަލީ ދައްކަވަނީ "ތޯތޯ" އަދި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅިގެން ރޭ ކުރެއްވި ޓުވީޓެއްގައި އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހު ގެންދެވީ އެންމެ ދަބަހެއް ނޫން ކަމަށާއި އެކަން ދޮގު ކުރަން ނުކެރި، ދަބަހުގެ ބަރުދަނާ ކިލޯ ކިރިއަކަސް ނުވާނެ ކަމަށެވެ.

"ވެންޓިލޭޓަރު މައްސަލަ ނުބެލިގެން އުޅެނީ ހެކި ނެތިގެންތޯ؟ ވެންޓިލޭޓަރު ލިބިއްޖެތޯ؟ އަމީރު ގާނޫނާ ޚިލާފަށް ދޫކުރި ފައިސާ ލިބިއްޖެތޯ؟ މިވަރުން ވެސް ހަމަ ހެކި ދައްކަން ޖެހޭތޯ؟ ތޯތޯ!!" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ މަގާމުތަކަށް ޅިޔަނުންލާ ބޮނޑިކޮށްފައި، ކުޑަކުއްޖަކު އަރުވާފައި ހެކި ދޭށޭ ބުންޏަސް ދެން ތިބި މީހުން އެހާ މޮޔައެއް ނުވާނެ ކަމަށެވެ.

"ޕާޓީގެ ރައީސް ގޮއްވާލި ރޭ ޕްރޮފެސަރުގެ ބަސްދީގަތުމުގެ ކުރިން އައިއްސައިން 'ހިނިވަރުނަކޮޅު' ފުރަތަމަ ހެއްކަކަށް ފުދޭނެ. ހެކި ހުށަހަޅަންވާ ތަންތަނަށް ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް އަލީ ވަހީދު އަންނަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.