މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 39 ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ 33 ދިވެހީންނާއި 6 ބިދޭސީން ކަމަށެވެ. އިއްޔެގެ އަދަދާ އަޅާބަލާއިރު މިއަދަދު ގިނަވިޔަސް މިދުވަސްވަރު ކޮވިޑް ކޭސްތައް މިވަނީ ކުރިއަށްވުރެ ބޮޑުތަނުން ތިރިވެފައެވެ. އިއްޔެ ޕޮޒިޓިވްވީ 22 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅު ތެރޭގެ އެއް ކޭސް ހިނެއެވެ. ދެން ތިބީ މުޅިންވެސް މާލެ ސަރަހައްދުގެ ކޭސްތަކެވެ.

މިހާތަނަށް ރާއްޖެއިން 11،271 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 10،234 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

މިހާރު ލޯކަލް ޓްރާންސްމިޝަނެއް އޮތީ ހަމައެކަނި ހދ. ކުޅުދުއްފުށީގައެވެ. އެރަށުގައި ބަލި ކޮންޓްރޯލް ކުރުމަށް ޚާއްސަ ޓާސްކް ފޯހެއް ސަރުކާރުން މިއަދު ވަނީ އެކުލަވާލާފަ އެވެ.