އެމްޑީޕީގެ ގައުމީ މަޖިލިސްގެ އިންތިހާބުގައި ވަޒީފާގެ ބިރުދައްކާ، އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަދި މިހާރު ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަނެއްކާ ވެސް އެ ހޭވި ހަޑީގެ މުޑުދާރުކަން ފެންނާނީ 2023ގެ ނަތީޖާއިން ކަމަށެވެ.

"2023ގެ ރިޔާސީ އިންތިޚާބު ގެއްލުނީމަ މިދަންނަވާ އެތި ސާފުވާނެ! އެ ދުވަހު ވެސް، އިއްޔެއާ މިއަދުހެން ޕާޓީގެ އަސާސްތައް މަތީ ދެމިތިބޭނީ 'ހަސަންޓޭ' މެން ފަދަ އިހްލާސްތެރިން،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޓުވީޓުގައި ހަސަންޓޭގެ ވާޙަކަ ފާހަގަކުރައްވާފައިވާއިރު އޭނާ ވާދަކުރެއްވި ދާއިރާއަކީ ކެމްޕެއިން ދުވަސްވަރު އެންމެ ވާދަވެރި އެއް ދާއިރާއެވެ. އެ ދާއިރާއަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއާއި (ބިގޭ) އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)އާ ދެ ބޭފުޅުން ވާދަކުރެއްވި އެވެ. ނަމަވެސް ހަސަންޓޭ ވަނީ މި އިންތިހާބުގައި ބަލިވެފަ އެވެ.

ހަމައެއާއެކު ބިގޭއަކީ ފަސްޓްލޭޑީ މެޑަމް ފަޒްނާ އަޙްމަދުގެ ޅިޔަނަކަށްވާއިރު ހަސަންޓޭއަކީ ރައީސް ނަޝީދުގެ ވަފާތެރި މެމްބަރެކެވެ. މިފޯރިގަނޑުގެ ތެރޭގައި ރައީސް ސާލިހުވަނީ އަލިފުށީ ދާއިރާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި ބަޖެޓްގައި ކަނޑައެޅިފައިނުވާ މަޝްރޫއެއް ހިންގުމަށް އިއުލާންކުރެއްވުމުން ގިނަ މެމްބަރުން އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. މީގެ އިތުރުން ވެސް އެތައް ޕްރޮޖްކްޓްތަކެއް އިއުލާން ކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ސާލިހު ފެކްޝަންގެ ތިން ވަޒީރަކު ވެސް އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. އެއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްލާއީލްއާއި، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.