ކަލާޒް ޓީވީއިން ގެނެސްދޭ އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް 15" ވެސް ފަސް މަހަށް ކުރިއަށްދާނެ ކަމަށް އެ ޝޯ ހުށަހަޅައިދޭ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ބުނެފި އެވެ.

އަންނަ މަހު ދޭ ގައި ފަށާ "ބިގް ބޮސް 15" އާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލްމާން ޚާން ބުނެފައި ވަނީ މިއަހަރު ޝޯ ވެސް ފަސް މަހަށް ކުރިއަށްދާނެ ކަމަށާއި މިސީޒަންއާ މެދުގައި ވަރަށް ބޮޑު އުއްމީދެއް ކުރެވިގެންދާ ކަމަށެވެ. އެހެން އަހަރުތަކޭ ހިލާފަށް މިއަހަރުގެ ޝޯގައި ތަފާތު ކަމެއް ފެނިގެންދާނެ ކަމަށް ވެސް ސަލްމާން ވަނީ ބުނެފަ އެވެ.

https://www.instagram.com/p/CUSLfnaocMp/

"ބިގް ބޮސް" ސީޒަން 15 މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖަންގަލީ ތީމަށެވެ.

މިފަހަރުގެ ސީޒަންގައި ބައިވެރިވާ ފަރާތްތައް އަދިވެސް ޔަގީނުވާއިރު ބިގް ބޮސް ރަސްމީ ގެއަށް ބައިވެރިން ވަނުމަށް ހަމަޖެހިފައި ވަނީ ޖަންގަލި ތެރޭގައި ދިމާވާ ކަންތައްތަކާ ކުރިމަތިލުމަށް ފަހު އެވެ.

https://www.instagram.com/p/CUSZTSeomso/

އެގޮތުން މިހާތަނަށް "ބިގް ބޮސް 15" ގައި ބައިވެރިވާނެ ކަމަށް ކަލާޒުން ޔަގީން ކޮށްދީފައިވާ ބައިވެރިންގެ ތެރޭގައި މި މަހުގެ 17 ގައި ނިންމާލި "ބިގް ބޮސް ވޫޓް" ގެ ފައިނަލިސްޓް ހިމެނެ އެވެ.

https://www.instagram.com/p/CUNmqmiKZS7/

އޭގެ ތެރޭގައި ބަތަލާ ޝަމީތާ ޝެޓީ އާއި ކޮރިއޮގްރާފަރު ނިޝާންތު ބަޓާއި ސީޒަން 13 ގައި ވާދަކުރި އާސިމް ރިއާޒްގެ ބޭބެ އުމަރު ރިއާޒާއި ޑޯނަލް ބިޝްޓް ހިމެނެ އެވެ.

https://www.instagram.com/p/CUNfftjhMVB/

"ބިގް ބޮސް" އަކީ ކުރިން ތިން މަހަށް ބައިވެރިން އެއް ގެއެއްގެ ތެރޭގައި ގެންގުޅޭ ޝޯއެކެވެ. އެކަމަކު މި ފަހުގެ ބައެއް ސީޒަންތައް ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ އެވެ.

މިގޮތުން "ބިގް ބޮސް 14" އަކީ އެންމެ ދިގުކޮށް ގެނެސްދިން ސީޒަން އަށްވާއިރު އެ ސީޒަން ކާމިޔާބު ކޮށްފައިވަނީ ޓީވީ ތަރި ރޫބީނާ ދިލައިކް އެވެ. މިދިޔަ ސީޒަން ގެނެސްދީފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދެން އެންމެ ދިގުކޮށް ގެނެސްދިނީ ދާދި ފަހުން ހާޓްއެޓޭކެއް ޖެހިގެން މަރުވި ސިދާތު ޝުކްލާ ކާމިޔާބުކުރި ސީޒަން 13 އެވެ.

"ބިގް ބޮސް 13" ކުރިއަށް ގެންގޮސްފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.