ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަކީ ދުނިޔޭގައި ފާހަގަ ކުރާ އަންހެން ދަރިންގެ ދުވަހެވެ. އަންހެން ދަރިންނަށް ހާއްސަކޮށް ދުވަހެއް ފާހަގަ ކުރެވޭއިރު އަންހެން ދަރިންގެ މުހިއްމުކަމާ މެދު ވިސްނާ ފިކުރު ކޮށްލަން ޖެހެ އެވެ.

ސައިންސްގެ ރޮނގުން ބަލާއިރު ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެން ކުދިންނާ އަޅާ ބަލާއިރު އަންހެން ކުދިންނަކީ މައިންބަފައިންނާ ގާތް، މައިން ބަފައިންނަށް ޚިދުމަތް ކުރުން ގިނަ ކުދިންނެވެ. ތަބީއީ ގޮތުން އަންހެން ކުދިންގެ ހުންނަ މިޒާޖުގެ ސަބަބުން މައިންބަފައިންނަށް އަޅާލުމުގެ ސިފަ އެކުދިންގެ ކިބައިގައި ހުރެ އެވެ.

މި ހިނދު އަހަރުމެންގެ އިސްލާމްދީނުގައި އަންހެން ދަރިންނަށް ދެވިފައިވާ ގަދަރާ މެދުވެސް ވިސްނާލުން ރަނގަޅެވެ. އަންހެން ދަރިންނަކީ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެނަމަ މައިންބަފައިންނަށް ޓަކައި ސުވަރުގޭގެ ދޮރު ހޮޅުވައިދޭ ކުދިން ކަމަށް އިސްލާމް ދީން އުނގަންނައިދެ އެވެ. އެއީ ތިބާގެ ގޭގެ ނޫރު ކަމުގައި ބުނެދެ އެވެ.

އަންހެން ކުދިންނަކީ މިހާ މުހިއްމު ބަޔަކަށް ވާއިރު އެކުދިންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ޒިންމާ އެކެވެ. އެކުދިންނަކީ ހާއްސަ ރައްކާތެރިކަން ބޭނުންވާ ކުދިން ކަމަށް ވުމުން ގޭތެރޭގެ މާހައުލުން އެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެކެވެ.

ހަމައެއާއެކު އަންހެން ދަރިން ތަރުބިއްޔަތު ކުރުމުގައި ވެސް ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ އެވެ. އެގޮތުން އިޖުތިމާއީ ކަންކަމާ މެދު ހޭލުންތެރި ކުރުވުމާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ވެސް އެކުދިންނަށް ދަސް ކޮށްދޭން ޖެހޭނެ އެވެ.

ދަންނާށެވެ. އަންހެން ދަރިއަކު ލިބުމަކީ ނަސީބެކެވެ. ބުރައެއް ނޫނެވެ. އެއީ ތިބާގެ ދުނިޔަވީ އަދި އުޚުރަވީ ހަޔާތް އުޖާލާ ކޮށްދޭ މެދުވެރި އެކެވެ. އެހެން ކަމުން އަންހެން ދަރިންނަށް ސަމާލުވާށެވެ! އެކުދިންނަށް ފަރުވާ ކުޑަ ނުކުރާށެވެ!