މާލެ ސަރަހައްދުން އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ފެތުރޭ އަދަދު އިތުރުވާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުން ދާތީ އެކަމަށް ސަމާލުކަން ދިޔުމަށް އިލްތިމާސްކޮށް އެޗްޕީއޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސެޕްޓެމްބަރު މަސް ތެރޭގައި އިންފްލުއެންޒާއަށް ޓެސްޓް ކުރި 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް އިންފްލުއެންޒާ އޭ އަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުން އަރިދަފުސް ރޯގާ ޖެހިގެން 3،720 ކޭސް ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިއީ ފާއިތުވެ ދިޔަ އޯގަސްޓް މަހާ އަޅާ ބަލާއިރު 60 ޕަސަންޓް އިތުރު އަދަދެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ އެފަދަ ބަލިތަކުން ރައްކާތެރިވާން މި ދުވަސްވަރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.

ކޮވިޑެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތަކެކެވެ. އެހެންކަމުން ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.