ހަން ރީތިކޮށް ބެލެއްޓުމަކީ ގިނަ ބަޔަކު ވަރަށް ބޮޑު އިސްކަން ދޭ ކަމެކެވެ. އަގު ބޮޑު ސްކިން ކެއާ ޕްރޮޑަކްޓްތަކާއި ސެލޫންގެ ހިދުމަތްތައް ބޭނުންކޮށް ހަން ޒުވާންކަންމަތީ ބެހެއްޓުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާ ކަމެކެވެ.

ގޭގައި ކޮށްލެވޭ ކިތަންމެ ކުޑަކުޑަ ކަމަކުން ވެސް ތިބާގެ ހަން ރީތިވާކަން އެނގޭ ހެއްޔެވެ؟ އެގޮތުން އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް އަހަރެމެން މި ބޯ ކޮފީއަކީ އޭގެ ސަބަބުން އަހަރެމެންގެ ހަމަށް ގިނަގުނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ.

ހަން ޒުވާންކޮށް ބަހައްޓައިދޭ

ގަވާއިދުން ކޮފީ ބޯ މީހުންގެ ހަން ގިނަ ދުވަސްތަކެއް ވަންދެން ޒުވާން ކަންމަތީ ހުންނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ކޮފީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ހަމަށް ރޫ އެރުމާއި ޑާކް ސްޕޮޓްސް އުފެދުމުން ދުރުކޮށްދެ އެވެ.

ހަން އެނދުން ކުޑަކޮށްދޭ

އަވީގައި ގިނަ ވަގުތު އުޅުމުން ހަން އަނދާ ހެއްޔެވެ؟ މޫދަށް އެރެފި ނަމަ ހަމުން ދިލަ ނަގާ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ކޮފީއަކީ އެކަމުގެ ހައްލެކެވެ. ކޮފީގެ ސަބަބުން ހަން އެނދުން ކުޑަކޮށްދެ އެވެ. އަދި ހަން އަނދައިފި ނަމަވެސް އަވަހަށް ރަނގަޅު ކޮށްދެ އެވެ.

މޫނުން ނަގާ އޮށާޅަ މަދުކޮށްދޭ

މޫނުން އޮށާޅަ ނެގުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަ އެކެވެ. ކޮފީ ބޭނުންކޮށްގެން ހަދާ ފޭސް މާސްކްތަކުން މޫނުގައި ނަގާ އޮށާޅަ މަދުކޮށްދެ އެވެ. އަދި މީގެ އިތުރުން ވެސް މޫނުގައި ހުންނަ ތަފާތު ވައްތަރުގެ ބިހި ވެސް ރަނގަޅު ކުރުމަށް އެހީވެދެ އެވެ.