ގާނޫނާ ހިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅުން ފަށާ ބޮޑު ކެމްޕެއިން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ލޯންޗުކުރުމަށް ރޭ މާލެ އަލިމަސް ކާނިވަލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވަނީ މި ޕެޓިޝަނުގައި ސޮއިކުރަން ހުޅުވާލައިފަ އެވެ. މި ޕެޓިޝަނުގައި އިދިކޮޅު ލީޑަޝިޕްގައި ހިމެނޭ ބައެއް ފަރާތްތައް ސޮއި ކޮށްފައިވާއިރު ރޭގެ ޖަލްސާގައި ބައިވެރިވި ގިނަ ބަޔަކުވެސް ވަނީ މި ޕެޓިޝަނުގައި ސޮއިކޮށްފަ އެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިޔާގެ ސަރުކާރާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް، އިންޑިޔާގެ އަސްކަރީ ބޭނުންތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުސަތު ދީފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި ގައުމުގެ މިނިވަންކަމަށް ބުރޫ އަރާފައިވާ ކަމަށްވެސް އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި މިހާރު އިންޑިއާ ސިފައިން ގާއިމުވެ ތިބެއެވެ. އެއީ އައްޑޫ ސިޓީ ގަމާއި. ލ. ކައްދޫގެ އިތުރުން ހދ. ހަނިމާދޫގަ އެވެ.