ކޮވިޑުން ރައްކާތެރިވުމަށް ފައިޒާ ވެކްސިންގެ އިތުރު ޑޯޒެއް ނުވަތަ ބޫސްޓާ ޝޮޓް ޖަހަން އެޕޮއިންޓްމަންޓަށް ހުޅުވާލައިފި އެވެ.

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ދާއިރާގެ މާހިރުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ދެ ޑޯޒު ފުރިހަމަކުރި މީހުންގެ ތެރެއިން، ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި، ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުން އިތުރު ޑޯޒެއް، ނުވަތަ ބޫސްޓާ ޝޮޓެއް ޖެހުމަށެވެ. އަދި އެ ފަރާތްތަކަށް ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން އެވެ.

އެ ވެކްސިން ޖަހަން އެޗްޕީއޭގެ ވެބްސައިޓުގެ ޒަރިއްޔާއިން އެޕޮއިންޓްމަންޓް ހައްދައި، މިއަދުން ފެށިގެން އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން، ވިލިމާލެ ހޮސްޕިޓަލުގައި ބޫސްޓާ ޝޮޓް ޖެހޭނެ އެވެ.

ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޝޮޓް ޖެހޭނީ ކޮވިޑުގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށެވެ.

މިގޮތުން މިވަގުތު ވެކްސިންގެ ބޫސްޓާ ޝޮޓް ޖެހުމަށް ހަމަޖެހިފައި ވަނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނަށާއި، ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި، ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނެވެ.

އޭގެ އިތުރުން ގަވާއިދުން ޑަޔަލިސިސް ހަދަމުން ގެންދާ މީހުންނާއި، ކެންސަރު ބަލީގެ ފަރުވާ ލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުންނާއި، އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުންނަށާއި، ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުންދާ މީހުންގެ އިތުރުން، ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތަކާއި އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތަކަށް ވެސް ވެކްސިންގެ ތިންވަނަ ޑޯޒު ޖެހެ އެވެ.