ޖެނީވާ (03 އޮކްޓޯބަރު) - އުތުރު ކޮރެއާއިން ދާދި ފަހުން ލޯންޗު ކުރި މިސައިލް ޓެސްޓުތަކުގެ މައްސަލައިގައި އދ. ގެ ސަލާމަތާ ބެހޭ މަޖިލީހުން އަމަލުކޮށްފައިވަނީ ދެފުށް ދެގޮތް ގޮތަކަށް ކަމަށް އެ ގައުމުން ތުހުމަތުކޮށްފި އެވެ.
އުތުރު ކޮރެއާއިން ބުނީ އެ މަޖިލީހުގައި އަސްކަރީ ހަރަކާތްތަކާމެދު ފިޔަވަޅު އަޅާއިރު އެކި ގައުމުތަކަށް ގެންގުޅެނީ އެކި އުސޫލު ކަމަށާއި ހުޅަނގުގެ ގައުމުތަކާއި އެނޫން ގައުމުތަކުގެ މެދުގައި އެ މަޖިލީހުން ތަފާތު ކުރުންތައް ގެންގުޅެމުންދާ ކަމަށެވެ.
އުތުރު ކޮރެއާގެ މިސައިލްތަކާ ގުޅިގެން އެމެރިކާއާއި އިތުރު އެހެން ގައުމުތަކަކުން ހުށައަޅާފައިވާ މައްސަލައެއް ބެލުމަށްޓަކައި އދ. ގެ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ހުކުރު ދުވަހު ސިއްރު ބައްދަލުވުމެއް ބާއްވާފަ އެވެ.
އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ޖޯ ޗޮލް ސޫ ބުނީ އެ ގައުމު ހިއްސާވާ މައްސަލައެއްގައި ސިއްރިއްޔާތުގައި ބައްދަލުވުންތައް ބޭއްވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވާ ކަމެއް ކަމަށެވެ.
ޖޯ އިތުރަށް ބުނީ އެމެރިކާއާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުގެ އަސްކަރީ ހަރަކާތްތަކާ މެދު އެ މަޖިލީހުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށާއި އެއީ ދެފުށް ދެގޮތް ސިޔާސަތުތަކެއް ކަމަށެވެ.
އުތުރު ކޮރެއާއިން މިދިޔަ ހަފްތާގައި ޓެސްޓުކުރި މި ސައިލްތަކާއެކު ބައިނަލްއަގުވާމީ މުޖުތަމައުން އަންނަނީ އެކަމުން ކުރިމަތިވެދާނެ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް