ނިއުޔޯކް (04 އޮކްޓޯބަރު) - އައިސީއައިޖޭ މީޑިއާއިން ކުރިއަށް ގެންދިޔަ ތަހުގީގެއްގައި ދުނިޔޭގެ ބޮޑެތި ލީޑަރުންތަކެއްގެ އަނދިރި ފަރާތް ފަޟީހަތް ކޮށްލައިފި އެވެ.

ޕެންޑޯރާ ޕޭޕާސްގެ ނަމުން ނަން ދީފައިވާ މި ތަހުގީގީ ރިޕޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާލީ ކުންފުނިތަކުގެ ލިޔެކިޔުންތައް ހިމަނާފައިވާއިރު އެ ލިޔެކިޔުން ތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ގިނަ ލީޑަރުންތަކެއް ވަނީ އޮފްޝޯ އެސެޓްގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއްގެ ޚިޔާނާތް ދައުލަތަށް ވެފަ އެވެ.

މި ރިޕޯޓުގައި އުރުދުން، އާޒަރުބައިޖާން، ކެންޔާ އަދި ކްޒެޗް ރިޕަބްލިކް ފަދަ ގައުމުތަކުގެ ލީޑަރުންގެ ޚިޔާނާތް އާއްމުކޮށްފައި ވާއިރު މީގެ ތެރެއިން ބައެއް ވެރިންނަކީ ދައުރު ނިންމުމަށްފަހު މިހާރު ސަރުކާރުން ވަކިވެފައިވާ ވެރިންނެވެ.

ވޮޝިންޓަން ޕޯސްޓް، ބީބީސީ އަދި ދަ ގާޑިއަން ހިމެނޭހެން 600އަށްވުރެ ގިނަ ނޫސްވެރިންނާއެކު ކުރިއަށް ދިޔަ މި ތަހުގީގުގައި 14 ކުންފުންޏަކުން 11.9 މިލިއަން ލިޔެކިޔުން ހޯދިފައިވެ އެވެ.

ގާތްގަނޑަކަށް 35 ލީޑަރުންގެ ނަން ހާމަކޮށްފައިވާ މި ރިޕޯޓުގައި އެމީހުންގެ މައްޗަށް ކޮރަޕްޝަންގެ އިތުރުން މަނީ ލޯންޑަރިންއާއި ޓެކްސް ނުދެއްކުމުގެ ތުހުމަތު ކޮށްފައިވެ އެވެ.

މި ރިޕޯޓުގައި އޮފް ޝޯ އެސެޓް ގެންގުޅުއްވާ ކަމަށް ތުހުމަތު ކޮށްފައިވާ ފާހަގަ ކޮށްލެވޭ ލީޑަރުންގެ ތެރޭގައި އުރުދުންގެ އަބްދުﷲ ރަސްގެފާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ރަޝިއާގެ ރައީސް ވްލަމިޑިރް ޕުޓިން އަދި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހިމެނެ އެވެ.

ޕެންޑޯރާ ޕޭޕާސްއަކީ އައިސީއައިޖޭ މީޑިއާއިން ނެރުނު މިފަދަ ރިޕޯޓުތަކަށް އިތުރުވި އެންމެ ފަހުގެ ރިޕޯޓެވެ. މީގެ ކުރިންވެސް އެ މީޑިއާއިން ވަނީ ދުނިޔޭގެ ވެރިންގެ ސިއްރު މުއާމަލާތްތައް ފާޅުކޮށް ރިޕޯޓުތައް ނެރެފަ އެވެ. މީގެ ތެރޭގައި 2016 ވަނަ އަހަރު އާއްމު ކުރި ޕެނަމާ ޕޭޕާސް ފާހަގަ ކޮށްލެވެ އެވެ. – ޗެނަލް ނިއުސް އޭޝިއާ