ޖިންސީ ގޯނާގެ އެތަކެއް ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެން ދިއުމަށް ސްޕްރީމް ކޯޓުން ހައިކޯޓުގެ މައްޗަށް އަމުރު ކޮށްފި އެވެ.

މިއަދު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސޮއި ކުރައްވާ ނެރުނު އަމުރުގައި ބުނެފައިވަނީ އަލީ ވަހީދުގެ މައްސަލާގައި ވެސް އަދި އެނޫން މައްސަލައެއްގައި ވެސް ދައުވާ ލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަމުރު ނެރުނު ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސްނުއްސުއޫދު، މުހައްމަދު އިބްރާހިމް އަދި އަލީ ރަޝީދު އެވެ.

ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގައި ޢަލީ ވަހީދު ބައިވެރިވެޑައިގަންނަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށެވެ. މިގޮތަށް ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ވަނީ ނިންމާފަ އެވެ. އެކޯޓުން އެ ގޮތަށް ނިންމާފައިވަނީ ބޭސް ފަރުވާގެ ކަންކަން ނުނިމޭކަމަށް ވިދާޅުވެ އެކޯޓަށް ސިޓީއަކުން ހުށައެޅުމުންނެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދަޢުލަތުން ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފުކުރުމުން މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންވަނީ މިފަދަ މައްސަލަތަކަކީ ހައިކޯޓުން 7 ދުވަސްތެރޭ ނިންމަންޖެހޭ މައްސަލައެއްކަން އެނގޭއިރު، އަދި ޢަލީ ވަހީދު ހުރީ ރާއްޖެއިން ބޭރުގައިކަން އެނގޭއިރު މައްސަލަ ހައިކޯޓަށް ހުށައެޅީ ކޮން މަގުސަދެއްގައިތޯ ސުވާލުކުރައްވާފަ އެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވި އެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު ދައުލަތުގެ ފަރާތުން މިހާރު ވަނީ އަލީގެ އޯޑިނަރީ ޕާސްޕޯޓު ހިފަހައްޓައި ނުދިނުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.