ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ މައްސަލައިގެ ސީޣާއާ ގުޅުމެއް ނެތް ތަހްގީގުކުރި މައްސަލައާ ގުޅުމެއް ނެތް ދައުވާއެއް ކަމަށާއި ސަރުކާރުން ޝަރީއަތުގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ހުކުމްކުރަމުން ދިޔައީ ކަނޑައެޅިގެން ނިފާގު ހެކި ބޭނުން ކުރަމުން ކަމަށާއި ކޮށްގެން ނުވާނެ އެތައް ކަމެއް ކޮށްގެން ކަމަށާއި އެހެންކަމުން އެދުވަހު ވެސް އަދި މިއަދު ވެސް ރައްޔިތުންގެ ކޯޓުގައި ރައީސް ޔާމީނަކީ މިނިވަނެއް ކަމަށާއި ކުށްވެރިއެއް ނޫން ކަމަށް އޭނާ ވިދާޅުވި

ރައްޔިތުންގެ ކޯޓުގައި ރައީސް އަބްދުﷲ ޔާމީނަކީ ކުށްވެރިއެއް ނޫން ކަމަށާއި ރައްޔިތުން މިއަދު އެމަނިކުފާނަކީ މައުސޫމް ބޭފުޅެއް ކަމަށް ރައްޔިތުން ކަނޑައަޅާފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ނިމިގެން ދިޔަ ގޮތާމެދު މިތިބީ މާޔޫސްވެގެނެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުން އަދުލުވެރި ހުކުމެއް އިއްވައިދެއްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ މައްސަލައިގެ ސީޣާއާ ގުޅުމެއް ނެތް ތަހްގީގުކުރި މައްސަލައާ ގުޅުމެއް ނެތް ދައުވާއެއް ކަމަށާއި ސަރުކާރުން ޝަރީއަތުގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ހުކުމްކުރަމުން ދިޔައީ ކަނޑައެޅިގެން ނިފާގު ހެކި ބޭނުން ކުރަމުން ކަމަށާއި ކޮށްގެން ނުވާނެ އެތައް ކަމެއް ކޮށްގެން ކަމަށާއި އެހެންކަމުން އެދުވަހު ވެސް އަދި މިއަދު ވެސް ރައްޔިތުންގެ ކޯޓުގައި ރައީސް ޔާމީނަކީ މިނިވަނެއް ކަމަށާއި ކުށްވެރިއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދުވެސް ގަބޫލުކުރަމުންދަނީ ރައީސް ޔާމީންއަކީ އަނިޔާ ލިބެމުންދާ، މިމައްސަލައިގައި ސަރުކާރުން އަނިޔާ ދެމުންދާ މީހެއްކަން. އަޅުގަނޑުމެން މިތިބީ ދޫކުރާ ގޮތަކަށް ނޫން. ރައީސް ޔާމީނުގެ މިހާރު ހިނގަމުންދާ ޝަރީއަތަކީ ހައްގާ ބާތިލާ ދެމެދު ކުރެވޭ ހަނގުރާމައެއް. މި ހަނގުރާމައިގައި މިހާރު އަސީރަކަށް ވެވަޑައިގެންފައިވާއިރު ހަނގުރާމައިގެ ދިދަ ލިބިފައި ވަނީ ތިޔަބޭފުޅުންގެ އަތްމައްޗަށް. މިހަނގުރާމަ ރަނގަޅަށް ކާމިޔާބު ވަންދެން ދިދަ ހިއްޕަވައިގެން މަސައްކަތް ކުރަން އެބަޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރޮކެޓް ސްޕީޑްގައި ގައުމު ތަރައްގީކުރަމުން ދިޔައިރު މިގައުމަށް މިހާރު ވެސް ޣައްދާރުވެފައިވާ މީހުން އޭރުވެސް ދިޔައީ ޣައްދާރުވަމުން ކަމަށާއި، މިގައުމަށް އިންޑިޔާ ސިފައިން އަރަން ގޮވާލީ މިހާރު ވެރިކަމުގައި ތިބި މީހުން ކަމަށާއި އެއީ ގައުމުގެ ޚާއިނުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މީހުން އޭރު އެކަން ކޮށްފައި މިއަދު ވެރިކަމުގައި އެތިބީ އަޅުގަނޑުމެންގެ މިނިވަންކަމާ ސިޔާދަތު ވިއްކާލާފައި ކަމަށާއި މިއަދު މި ގައުމަކީ މިނިވަން ގައުމެއް ނޫން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މިހާރު މިސްކިތްތަކަށް އަރާ ވަރަށް ހަޑި މުޑުދާރު ކަންތައްތަކެއް ކުރަމުންދާ ކަމަށާއި މިފަދަ ކަންކަމަކީ ރޭވިގެން ގަސްތުގައި ހިނގާ ކަންތައްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ގައުމު ފޮތި ފޮތި ކޮށްފައި މިގައުމު ވިއްކަމުންދާއިރު މި ގައުމުގެ އިސްލާމްދީނަށް މިހާބޮޑެތި ގޮންޖެހުން ކުރިމަތި ވަމުން ދާއިރު، މިގައުމުގެ ސިޔާދަތަށް މިނިވަންކަން ގެއްލިގެން ދާއިރު، ގައުމުގެ ވެރިކަމަށް އަންނާން ތިބި މީހުންނާއި ވެރިކަން ކޮށްފައިތިބި މީހުންނާ މިގައުމުގެ މަތިވެރި ގަދަރާ އިއްޒަތް ދީފައި ތިއްބެވި ބޭފުޅުން މިއަދު އެއްވެސް އެއްޗެއް ވިދާޅު ނުވެ ޗުއްޕު ވެސް ވިދާޅު ނުވެ އެ ތިއްބަވަނީ ކީއްވެ ބާވައޭ؟ މިފަދަ އެތައް ބޭފުޅުންނެއް ތިއްބެވިއިރު މިގައުމަށް މިޖެހިގެން އުޅޭ ހާލާ މި ނުކުޅެދުންތެރިކަން އިހްސާސް ނުކުރެވޭ ކަމަށް ވެއްޖިއްޔާ އެއިން މީހަކަށް ދުވަހަކުވެސް މިގައުމުގެ ވެރިކަމެއް ހަލާލެއް ނުވާނެއޭ. ހައްގެއް ނުވާނެއޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިއަދު ރާއްޖޭގައި މިއޮތް ސަރުކާރު ސިފަ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މިއީ ފަޅޯ ގަހެއްނަމަ އެހެރީ "ވާ ކާ ހިސާބަށް ގޮސް" އޭގެ ބޭނުން ކެނޑޭ ހިސާބަށް ގޮއްސަ ކަމަށާއި މިހާރު ހަލުވާލިޔަސް ގަހުބުޑަށް ވެއްޓޭގޮތަށް މިސަރުކާރު ވެއްޓޭނެ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި މަގުމައްޗަށް ވެސް ނުކުންނާނެ ކަމަށާއި މުޒާހަރާ ވެސް ކުރާނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ބަލިކަށިކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ޕީޕީއެމް ޕީއެންސީން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.