އެނދުމަތީގައި އޮށޯވެ އޮވެ ނުނިދި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތުމަކީ އުނދަގޫ ކަމެކެވެ. ބައެއް މީހުން މިގޮތުގައި ގަޑި ދެގަޑިއިރު ވެސް ހޭދަ ކުރެ އެވެ. މި ލިޔުމުގައި މި ހިއްސާކޮށްލަނީ ބޭރުގެ ގައުމުތަކުގެ ފައުޖީން ދެމިނެޓުގެ ތެރޭގައި ނިދުމަށް ބޭނުން ކުރާ އުކުޅެކެވެ. ނިދުމުގެ ކުރިން ކިޔާ ހުރިހާ ދުއާއެއް ކިޔުމަށްފަހު މި އުކުޅު ބޭނުން ކޮށްލާށެވެ. ވަރަށް ފަސޭހައިން ނިދިދާނެ އެވެ.

ފުރަތަމަ ބައި

  • ނިދަން އޮށޯތުމަށްފަހު މޫނުގެ މަސްތަކުން ވާގި ދޫކޮށްލާށެވެ. ދަތްދޮޅިއާއި ކޮލުގެ މަސްތައް ހަމަޖައްސާލާށެވެ.
  • ކަނާތުގެ ކޮނޑުން ވާގި ދޫކޮށްލައި މުލައްދަނޑިއާއި އަތްތިލައިން އެއްކޮށް ބާރު ދޫކޮށްލާށެވެ. މިފަދައިން ވައަތަށް ވެސް އަމަލު ކުރާށެވެ.
  • ފުންކޮށް ނޭވާއެއް ލުމަށްފަހު މޭމަތި ހަމަޖައްސާލާށެވެ.
  • ދެން ފައިގެ ފަލަ މަސްގަނޑުން ފެށިގެން ފައި ތިލައާއި ހަމައަށް މަޑުމަޑުން ވާގި ދޫކުރަމުން ގޮސް މުޅި ހަށިގަނޑުން ވާގި ދޫކޮށްލާށެވެ.

ނޯޓް: މި ބައިގައި ހަށިގަނޑުގެ ކޮންމެ ގުނަވަނަކުން ވެސް ވާގި ދޫކޮށްލުން މުހިއްމެވެ.

ދެވަނަ ބައި

ހަށިގަނޑު ހަމަޖެހުމުން ދެލޯ މަރާލުމަށްފަހު ތިރީގައި މިވާ ކަންކަމުން ކަމެއް ހިތަށް ސިފަކޮށް ވިސްނާށެވެ.

  • ތިބާ ތިއޮތީ ކަޅު، އަނދިރި ތަނެއްގަ އެވެ. ވަށައިގެން ކަޅު އަނދިރިކަން ނޫނީ ނުފެނެ އެވެ.
  • ތިބާ ތިއޮތީ ފެނުމަތީގައި އޮތް ކަނދުފައްޗެއްގަ އެވެ. މަތިން ފެންނަ ނޫ އުޑުގައި އެންމެ ވިލާކޮޅެއް ވެސް ނެތެވެ. ވަށައިގެން ވަނީ މަޑުމައިތިރި ކަމާއި ހަމަހިމޭން ކަމެވެ.
  • ނުވިސްނާށެވެ. މިހެން ތިންފަހަރު ތިބާގެ އަމިއްލަ ނަފްސަށް ހިތާހިތުން ކިޔާލާށެވެ.

ފުރަތަމަ ފަހަރުން މި އުކުޅު ކާމިޔާބު ނުވިޔަސް މާޔޫސް ނުވާށެވެ. މި އުކުޅު ބޭނުން ކުރަން ފަރިތަ ވުމަށްޓަކައި ހަ މަސް ދުވަސް ނަގާފާނެ އެވެ.