ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކުއްލި ގޮތަކަށް މަރުވި ކުޑަ ކުއްޖާގެ މައްސަލައާ ގުޅުންހުރި އެންމެންގެ ބަޔާން ހެލްތު މިނިސްޓްރީން ނަގައިފި އެވެ.

ފުވައްމުލަކު ފުނާޑު، ނޫރީ ފެހި، އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ މަރުވީ މިދިޔަ އާދިއްތަ ދުވަހު، ހޮޑުލައި، ބަޑުގައި ރިއްސުމާއި ގުޅިގެން ހޮސްޕިޓަލަށް ކުޑަކުއްޖާ ގެންގޮސް، ނަރުހުންނާއި ޑޮކްޓަރުން ފަރުވާ ދެމުންދަނިކޮށެވެ.

ނަމަވެސް ސަދާ މަރުވީ އެ ހޮސްޕިޓަލުން އޭނާ ގަޔަށް ޖެހި އިންޖެކްޝަނަކާ ގުޅިގެން ކަމަށް އާއިލާއިން ބުނެ އެވެ. އަދި އެ އިންޖެކްޝަން ޖެހުމަށްފަހު އެ ކުއްޖާގެ ހާލަތު އިތުރަށް ގޯސްވާން ފެށި ކަމާއި، ހަރަކާތް އެއްކޮށް ހުއްޓުނު ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އަދި ސަދާ މަރުވުމުން އެކަން ހޮސްޕިޓަލުން ފޮރުވަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އާއިލާއިން ތުހުމަތު ކުރެ އެވެ.

މިތުހުމަތުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެ ރަށަށް ގޮސް، ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ކުޑަކުއްޖާގެ އާއިލާގެ މީހުންގެ ބަޔާން ނަގާފަ އެވެ.

މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށާއި، މި މައްސަލަ އާ ގުޅިގެން އެއްވެސް މީހެއްގެ އިހުމާލެއް ވާނަމަ، އެ މީހަކަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.