ޓައިވާނުގެ މީހުން ދެކޭ ގޮތުގައި ޗައިނާއަކީ އެ ގައުމުގެ ބައެކެވެ. ޗައިނާގެ މައި ބައްރާ ވަކިން އޮންނަ ޓައިވާނަކީ މުޅި ގައުމުގެ ހަގީގީ ސަރުކާރު ހިނގާ ބިމެވެ. ޗައިނާއިން ވެސް ދެކެނީ ޓައިވާނަކީ ޗައިނާ އާ ވަކިވެވެން ނެތް އެ ގައުމުގެ ބައެއް ކަމަށެވެ.
"ވަން ޗައިނާ" ސިޔާސަތަކީ ޓައިވާނާ ހޮންގްކޮންގް ހިމެނޭހެން ޗައިނާގެ އެއްވެސް ސަރަހައްދެއް ވަކި ވެގެންދިޔަ ނުދިނުމަށްޓަކައި އެމީހުން ގެންގުޅޭ ވަރުގަދަ ސިޔާސަތެކެވެ. އެ ސިޔާސަތު ގަބޫލު ނުކުރާ ބަޔަކާ ޗައިނާ ސަރުކާރުން ގުޅުމެއް ނުބާއްވާނެ އެވެ. އެހެންކަމުން ޗައިނާ އާއެކު ސިޔާސީ ގުޅުން ބާއްވާ އެއްވެސް ގައުމަކުން ޓައިވާން ރަސްމީ ގޮތުން ވަކި ގައުމެއްގެ ގޮތުގައި ގަބޫލެއް ނުކުރެ އެވެ.
ދުނިޔޭގެ މިނިވަން ދައުލަތްތައް ތަމްސީލު ކުރާ ޔުންއިޓެޑް ނޭޝަންސް (އދ)ގެ މެންބަރު ކަން ނުވަތަ އޮބްޒާވަރު ކަން ވެސް ޓައިވާނަކަށް ނޯވެ އެވެ. އެހެންކަމުން ރަސްމީ ހައިސިއްޔަތުން ޓައިވާނަކީ ޗައިނާގެ ބައެކެވެ.
ޓައިވާނާ ޗައިނާ ވަކިވުން
1912 ވަނަ އަހަރު ޗައިނާގައި ޝިންގް ހައި އިންގިލާބު ގެނެވުނުއިރު ޓައިވާން އޮތީ ޖަޕާނުގެ ދަށުގަ އެވެ.
ޖަޕާނުގެ ދަށަށް ޓައިވާން ދިޔައީ 1894 ން 1895 އަށް ހިނގި ޗައިނާ ޖަޕާން (ސިނޯ- ޖަޕަނީޒް) ހަނގުރާމައިގަ އެވެ. ޝިންގް ހައި އިންގިލާބަށްފަހު ޗައިނާގައި 2000 އަހަރަށް ވުރެ ގިނަ ޒަމާނަކަށް ދެމިގެން ދިޔަ އިމްޕީރިއަލް ވެރިކަމަށް ނިމުން އައިސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި ޗައިނާ އަލުން ވުޖޫދަށް އަ އެވެ. ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އުފެދުނު ޗައިނާ ސަރުކާރަށް ގިނަ ދުވަސްތަކެއް ނުވަނީސް ތަފާތު މައްސަލަތަކާ ކުރިމަތިވެ، ބާރު ގަދަވަމުން ދިޔަ ކޮމިއުނިސްޓުންނާ ހަނގުރާމަ ކުރަން ޖެހުނެވެ. މި ހަނގުރާމަ ޒަމާންތަކަކަށް ދިގު ދެމިގެން ދިއުމަށް ފަހު ޗައިނާގެ މައި ބައްރު އެއްކޮށް ކޮމިއުނިސްޓުންގެ އަތް ދަށަށް ދިޔަ އެވެ.
ރިޕަބްލިކް އޮފް ޗައިނާގެ އިސް ލީޑަރުން ޓައިވާނަށް ބަދަލުވެ، ވަގުތީ ގޮތުން ޓައިވާނަކީ ރިޕަބްލިކް އޮފް ޗައިނާގެ ވެރިރަށް ކަމަށް ކަނޑައެޅި އެވެ. މުޅި ޗައިނާގެ ގާނޫނީ ސަރުކާރަކީ އެމީހުން ކަމަށް ޓައިވާނުގައި ގާއިމްވެ އޮތް ސަރުކާރުން ދައުވާ ކުރަމުން ގެންދިޔަ އެވެ.
ހަނގުރާމައަށް ފަހު ކަން ހިނގިގޮތް
ރިޕްބްލިކް އޮފް ޗައިނާގެ ވަގުތީ ވެރި ރަށަކީ ޓައިވާން ކަމަށް ކަނޑައަޅައި ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރުން ދައުވާކުރަމުން ދަނިކޮށް ހަނގުރާމައިން މޮޅުވި ކޮމިއުނިސްޓުން ޗައިނާގެ މައި ބައްރުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި ވެރިކަމެއް ގާއިމުކުރި އެވެ. ދުވަސްތަކެއް ވަންދެން ޗައިނާގެ ޝަރުއީ ވެރިންނަކީ ކޮން ބައެއްކަން ކަނޑައެޅުމުގައި ދުނިޔޭގެ ތާއީދު ހޯދުމުގައި ދެފަރާތުން ކުރަމުން ގެންދިޔަ މަސައްކަތް އެންމެ ފަހުން ނިމުނީ އޮކްޓޯބަރު 5، 1971 ގައި ޔުނައިޓެޑް ނޭޝަންސް އިން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ބަލައިގަތުމުންނެވެ. އެހިސާބުން ފެށިގެން ޓައިވާނުގައި އޮތް ރިޕަބްލިކް އޮފް ޗައިނާއިން ޔުނައިޓެޑް ނޭޝަންސްގައި ތަމްސީލު ކުރަމުން ދިޔަ ގޮނޑި އެމީހުނަށް ގެއްލި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް އެގޮނޑި ލިބުނެވެ.
މިހާރުގެ ހާލަތު
ޗައިނާގެ މައި ބައްރުގައި ގާއިމުވެފައިވާ ޕިޕަލްސް ރިޕަބްލިކް އޮފް ޗައިނާއިން ޓައިވާން ވެސް ހިމެނޭހެން ގައުމުގެ ޝަރުއީ މިލްކުވެރިކަން ހޯދިކަމުގައި ވިޔަސް ޓައިވާނާއި ޗައިނާގެ މެދުގައި އުފެދިފައިވާ ދެބައިވުމަށް ނިމުމެއް ނާދެ އެވެ. ދެ ގައުމުން ވެސް އުންމީދުކުރަނީ ސުލްހަ ވެރިކަމާއެކު ދެ ގައުމު އެއް ގައުމަކަށް ވުމަށެވެ.
ރިޕަބްލިކް އޮފް ޗައިނާ އާއެކު ރަސްމީ ގޮތުން ގުޅުން ގާއިމް ކޮށްފައި ވަނީ އެންމެ 14 ގައުމުންނެވެ. އެއީ ވަރަށް ކުދިކުދި ގައުމުތަކެކެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރިޕަބްލިކް އޮފް ޗައިނާ ވަކި ގައުމެއްގެ ގޮތުގައި ބަލައި ނުގަތްކަމަށް ވިޔަސް އެ ގައުމާއެކު ގާތް ގުޅުމެއް ބާއްވަމުންދެ އެވެ. އެންމެ ބޮޑު ސަބަބަކީ ޗައިނާގެ ކޮމިއުނިޒަމާ އެގައުމުތަކުން ދެކޮޅުވުމެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބަހަކީ ޗައިނާ އާއި ޓާއިވާނުގެ މައްސަލަ ހަމަޖައްސަން ޖެހެނީ ދެ ގައުމުގެ ރައްޔިތުންގެ ޚިޔާލުގެ މައްޗަށް ސުލްހަވެރި ގޮތުގައި ކަމެވެ. ޗައިނާގެ ފަރާތުން އަތުވެދާނެ ހަމަލަޔަކުން ދިފާއުވުމުގެ ކުޅަދާނަކަން ހާސިލްކޮށް ދިނުމުގެނަމުގައި އެމެރިކާއިން އަންނަނީ ޓައިވާނަށް ގިނަ އަދަދެއްގެ ހަތިޔާރު ވިއްކަމުންނެވެ.
ދޭތެރެ ދޭތެރެއިން ޗައިނާއިން ޓައިވާނުގެ ސަރަހައްދަށް ހަނގުރާމަ މަތީ މަނަވަރުތަކާއި މަތިންދާ ބޯޓުތައް ފޮނުވަ އެވެ. އެފަދަ ކޮންމެ ފަހަރަކު އެމެރިކާއިން އެކަމާ ބެހެ އެވެ. އިތުރު ހަތިޔާރު ވިއްކުމަށް މަގު ހޯދަ އެވެ.
ޗައިނާގެ މައި ސަރަހައްދުން ވަކިވެފައިވާ ޓައިވާނުގެ މުސްތަގުބަލް ނޭނގުމެއްގެ ތެރޭގައި އޮންނަތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރަސްމީ ގޮތުން ޓައިވާނާ ޗައިނާއަކީ އެއް ގައުމެކެވެ. ނަމަވެސް ވާދަވެރި ބާރުތަކުން ޗައިނާގެ ކުރިއެރުމަށް ހުރަސް އެޅުމުގެ ގޮތުން ބޭނުންކުރާ ހަތިޔާރަކަށް ޓައިވާން ދަނީ ހަދަމުންނެވެ.
ޓައިވާނަކީ އެއީ ޗައިނާގެ ބައެކޭ އެއީ ޗައިނާގައި ޑިމޮކްރަސީ އަށް ވެރިކަން ކުރާނެ ކަމަށް ބުނެ ޗައިނާ އާއި ހަވާލުވެ މުޅި ޗައިނާ މިހާރު އެމްޑީޕީން ރާއްޖޭގެ ބަޖެޓް ބަނޑުއަޅާލި ގޮތަށް މުޅި ޗައިނާގެ ދައުލަތުގެ ފައިސާ ބަނޑުއަޅާލައިގެން ޗައިނާގައި ގޭންގް ސްޓައިލަށް ވެރިކަން ކުރަން އުޅުނު ބަޔެކޭ ރައްޔިތުން ނިކުމެ އެމެން ފަހާލުމުން ފިލަން އެމެން ދުވެ ގޮސް ތިބީ ތައިވާނުގައޭ އެއީ ޗައިނާގެ ބައެކޭ ޗައިނާއޭ އެއީ އެވަކި ނުކުރެވޭނެއޭ...