ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އިއްޔެ އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ފަޔާޒް އެ މަގާމަށް އައްޔަންކުރީ، މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ ޑިސެމްބަރުގައި ވަޑައިގެންނެވުމަށް ފަހު، މިދިޔަ ޖެނުއަރީގަ އެވެ. މި ދެ މީހުންނަކީ ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި މައުރޫފް ވަނީ، މަގާމަށް އައްޔަންކުރިތާ ހަ މަސް ފަހުން ރިޓަޔާކުރައްވަން ނިންމަވައިފައެވެ. ނަމަވެސް ރިޓަޔާކުރެއްވުމުގެ ކުރިން އޭނާ އިއްޔެ ވަނީ އިސްތިއުފާދެއްވައިފަ އެވެ. އެނގިފައިވާ ގޮތުގައި މައުރޫފް އިސްތިއުފާ ދެއްވީ އެ ގޮތަށް އަމަލުކުރަން ޕީސީބީން އެންގުމުންނެވެ.

މައުރޫފްގެ އިސްތިއުފާ ދެއްވުމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު އިއްޔެ ވަނީ އައްޔަންކޮށްފަ އެވެ.

ކަން އެހެން އޮއްވައި މިއަދު، އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ ފަޔާޒު ވެސް މިވަނީ އިސްތިއުފާދެއްވައިފަ އެވެ. ނަމަވެސް އަދި މިހާތަނަށް ފަޔާޒް އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. ފަޔާޒު އެ މަގާމަށް އައްޔަނުކުރީ، މިއަހަރުގެ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.

ފަޔާޒަކީ އިމާރާތްކުރުމުގެ ދާއިރާއަށް ޚާއްސަ އާކިޓެކްޓެކެވެ. އޭނާ ވަނީ 1996ވަނަ އަހަރު، އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިން ކުއަންޓިޓީ ސާވެއިންއިން ޑިގްރީ ހާސިލްކުރައްވައިފަ އެވެ. އަދި 2000ވަނަ އަހަރު، ނިއު ޒިލޭންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީ އޮފް ވެލިންގްޓަނުން ބިލްޑިން ސައިންސުން މާސްޓާޒް ހާސިލްކުރައްވައިފަ އެވެ.

ފަޔާޒު ވަނީ ހުޅުމާލޭ ހިއްކި ދުވަސްވަރު އެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. އެގޮތުން ރައީސް އޮފީހުގައި ހުޅުމާލެ ޑިވެލޮޕްމަންޓު ޔުނިޓުގެ ކުއަންޓިޓީ ސާވެޔަރެއްގެ މަގާމުގައި 2001 އިން 2002 އަށް، އަދި ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމުގައި 2002 އިން 2004 އަށް އޭނާ މަސައްކަތް ކުރެއްވި އެވެ.