ބޮންގޮއްވާލުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ހަތަރު މަހެއްހާ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މާލެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ދުބާއީގައި ހުންނެވި ނަޝީދު މާލެ ވަޑައިގަންނަވާނީ މިއަދު މެންދުރު ފަހު އެވެ. އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު މިދިޔަ ހަފުތާގައި އެމަނިކުފާނު ޔޫއޭއީއަށް ވަޑައިގަތީ އެ ގައުމުގެ ދުބާއީގައި އޮތް އެކްސްޕޯއަކަށެވެ.

ނަޝީދު ރާއްޖެ މި ވަޑައިގަންނަވަނީ މެއި ހަވަނަ ދުވަހު އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޖަރުމަނާއި އިނގިރޭސިވިލާތުން ފަރުވާ ހޯއްދެވުމަށް ފަހު އެވެ. އެ ހަމަލާގައި ނަޝީދުގެ ފުރާނަފުޅު ސަލާމަތްވީ ކިރިޔާ އެވެ.

ރާއްޖެ އިން ފުރާވަޑައިގެންނެވީ ސީރިއަސް ޒަހަމްތަކާ އެކުގައި ނަމަވެސް އެމަނިކުފާނުގެ ހާލު މިހާރު ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ. އާއިލާ އިން މިދިޔަ ހުކުރުދުވަހު ވަނީ، އެމަނިކުފާނު ކަސްރަތުކުރައްވާ ވީޑިއޯ ވެސް އާއްމުކުރައްވައިފަ އެވެ.

ރައީސް ނަޝީދު މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ހަމަލާ ރޭވި އިސް މީހުން ނުހޯދޭހާ ހިނދަކު ރައްކާތެރިކަން ކަށަވަރު ނުވާނެތީ ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެ އެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.