ބެއިރޫތު (11 އޮކްޓޯބަރު) - ލުބްނާންގެ ތެޔޮ ރައްކާކުރާ މައި ގުދަނެއް ކަމަށްވާ ޒަހްރާނީގައި އޮތް ތެޔޮ ޓޭންކެއްގައި ރޯވެ އެގައުމުގެ ސަލާމަތީ ބާރު ތަކުން ހަރަކާތްތެރި ވެއްޖެ އެވެ.
ތެޔޮ އަޅައި ރައްކާކޮށްފައި އޮތް ޓޭންކެއްގައި ރޯވެ މިއަދު ހެނދުނު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް އެ ސަރަހައްދުގައި ވަރަށް ބޯކޮށް ދުން ފެތުރިފައި ހުރި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އަލިފާން ގަނޑު ރޯވުމާއެކު އެސަރަހައްދުން މީހުން ދުރަށްލައި ޓްރެފިކް ކޮންޓްރޯލް ކުރުމާއެކު އަލިފާން ނިވާ އޮފިޝަލުން ވަނީ މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައި އަލިފާން ގަނޑު އެއްކޮށް ނިއްވާލާފަ އެވެ.
ލުބްނާންގެ ތެޔޮ ޓޭންކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި މިވަނީ އިންޖީނަށް އަޅާނެ ތެޔޮ ހުސްވެގެން އެގައުމުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނުތާ 24 ގަޑިއިރުވެސް ނުވަނީހެވެ.
ލުބްނާންގެ އެނާޖީ މިނިސްޓަރު ވާލިދު ފަޔަދު ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވީ އެއް ޓޭންކުން އަނެއް ޓޭންކަށް ތެޔޮ ބަދަލު ކުރަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ސަބަބުންނެވެ.
މި ހާދިސާއަކީ އިގްތިސާދު ހީނަރުވެ ތެޔޮ ލިބުން ދަތިވެފައިވާ ލުބްނާނުގެ މިހާރުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ކުރިމަތިވި އިތުރު ގޮންޖެހުމެއް ކަމަށް މާހިރުން ބުނެ އެވެ. -- އަލް އަރަބިއްޔާ