މި މެންގޯ ޝޮޕާއި ގުދުރަތީ އަނބާއި އެއްވެސް ގުޅުމެއް ނެތްކަން ޔަގީނެވެ. ނަމަވެސް މި މެންގޯ ޝޮޕައަކީ ހަމަޔަގީނުން ވެސް ރާއްޖޭގެ އެންމެ ބޮޑު ސްވެނިއާ ފިހާރަ އެވެ.
ކ. ހިންމަފުއްޓަން އުފަން، އެރަށު ނޫރަންވިލާ ހުސެން ރަޝީދު (މެންގޯ ހުސެން) އަކީ އުމުރުން ވިއްސަކަށް އަހަރުގައި އެ ރަށުގައި އެންދެރިއާއި ކަހަނބުފަތުގެ މަސައްކަތްކުރާ މީހުންގެ ކައިރީގައި އުޅެ، މަސައްކަތް ދަސްކޮށް އެ ވިޔަފާރީގައި ދެމިހުރި ހުނަރުވެރިއެކެވެ. އެ ދުވަސްވަރަކީ ރާއްޖެއަށް ފުރަތަމަ ފަތުރުވެރިން ޒިޔާރަތްކުރަން ފެށި ދުވަސްވަރަށް ވުމުން ސްވެނިއާ ވިޔަފާރިއަށް ޑިމާންޑް ބޮޑެވެ. އެ ދުވަސްވަރު ގެސްޓް ވިޔަފާރީގެ ތެރެއަށް ގިނަ ބަޔަކު ނުކުތެވެ. ހުސެން ފަދައިންނެވެ.
"އެންދެރިއާއި ކަހަނބު ފަތް ބޭނުންކޮށްގެން ގެސްޓުން ބޭނުންކުރާ ގަހަނާ އޭރު ހަދައިއުޅުނީ. އާންމުކޮށް ތައްޔާރު ކުރަނީ ކަރުގައި އަޅަން ބޭނުންކުރާ ފަށް، ކަންފަތުގައި ލާ އެއްޗެހި، އަތުކުރީގައި އަޅަން ބޭނުންކުރާ އެއްޗެހި، ދެން ތަފާތު ވައްތަރުގެ ކުދި ފޮށި، ބޮލުގައި ޖަހަން ބޭނުންކުރާ ހެއާކްލިޕް، ބޮލުގައި އަޅާ ފުނާ، އަދި އަނގޮށްޓި، ފަދަ އެއްޗެހި،" ހުސެން ބުންޏެވެ.
މަސައްކަތް ރަނގަޅަށް ދަސްވުމުން އޭނާ ދެންނިންމީ އަމިއްލައަށް އެ މަސައްކަތް ކުރުމަށެވެ. އޭރު އޭނާ ތައްޔާރު ކުރާ އެއްޗެހި ވިއްކައި އުޅުނީ ރިސޯޓުތަކަށާއި މާލޭގައި ހިންގާ ގެސްޓު ފިހާރަތަކަށެވެ. އަމިއްލައަށް އެއްޗެހި އުފައްދަން ފެށުމުގެ ނަތީޖާއަކަށްވީ އިސާހިތަކު އޭނާ އުފައްދާ ތަކެތީގެ ސްޓޮކް ގިނަވުމެވެ. އެ ހިސާބުން އަމިއްލަ ފިހާރައެއް ހުޅުވުމަށް ނިންމި އެވެ.
އެކަމަށްޓަކައި ހިންމަފުށީގެ ހިތްގައިމު ސަރަހައްދެއްގައި ހުންނަ އޭނާގެ އަމިއްލަގޭގައި ކުޑަ ފިހާރައެއް ހެދި އެވެ. ގާތްގަނޑަކަށް 7،000 އަކަފޫޓުގެ ބޮޑުމިނުގެ މި ފިހާރައިގައި ކުރަހާ ސްޓޫޑިއޯއަކާއި، ކަރައޯކޭ ލަވަކިޔާ ދެތަނަކާއި، ދާރުލްއާސާރެއް ހުރެ އެވެ. އެ ފިހާރައިގެ ނަމަކަށް އޭނާއަކީ މެންގޯޝޮޕެވެ.
މެންގޯ ޝޮޕިން ސެންޓަރުގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މި ފިހާރައަށް މެންގޯގެ ނަމުން ނަންދެވުނީ މީހުންނަށް ފަސޭހައިން ހަނދާންވާނެ ނަމެއް ދިނުމުގެ ބޭނުމުގައި އެވެ.
"ފުރަތަމަ އަޅުގަނޑު އެ ފިހާރައަށް ދިން ނަމަކީ ލެމަން ޝޮޕް. ފަހުން ކީނަމެއް މެންގޯ ޝޮޕްއަކީ،" 34 އަހަރު މެދުކެނޑުމެއް ނެތި ހިންމަފުށީގައި އަމިއްލަ ސްވެނިއާ ޝޮޕް ހިންގަމުންގެންދާ ހުސެން އޮޅުން ފިލުވައިދިނެވެ.
މޮޅު އާޓިސްޓެއް: އެންމެ 40 މިނިޓް ތެރޭގައި ރަނގަޅު ފެންވަރަކަށް ކުރަހަން ދަސްކޮށްދޭ
ނަވާރަ ސަތޭކަ ނުވަދިހަ ފަހެއްގައި އެންދެރި، އިތާ އަދި ކަހަނބުފަތް ބޭނުންކޮށްގެން އުފައްދަމުން ގެންދިޔަ ތަކެތީގެ މަސައްކަތް ކުރުން ހުއްޓާލަން ޖެހުނެވެ. އެއީ އެދުވަސްވަރު ރާއްޖޭގައި ވެލާ ކަހަނބު ހިފުން މަނާވުމާ ގުޅިގެންނެވެ. އެއަށްފަހު ހަމައެކަނި ފިހާރައިގައި ހުރި ތަކެތި ވިއްކުމުގެ މަސައްކަތުގައި ދުވަސްކޮޅަކު އުޅެފައި އޭނަދެން ފެށީ ލަކުޑި އާއި ނާށީގައި ކުރެހުމުގެ މަސައްކަތެވެ. މަސައްކަތް ތެރި ހުނަރުވެރިއަކަށް މަގުބަންދެއް ނުކުރެވޭނެއޭ ބުނަމުންނެވެ. އެ މަސައްކަތަށް ފިހާރައިން ބައެއް ޚާއްސަކުރި އެވެ. އެއީ 2010 ހިސާބުގައި އެވެ.
ސުވެނިއާ އުފެއްދުމާއި، ވިއްކުމުގެ އިތުރުން އޭނާދޭ ވަރަށް މުހިންމު ޚިދުމަތެއް ވެސް ވެ އެވެ. އެއީ ކުރަހަން ދަސްކޮށްދިނުމެވެ. ދޭސީއެއް ބިދޭސީއެއް މިކަމުގާ އިސްތިސްނާ އެއް ނެތި އެވެ. ހުސެންގެ ސްވެނިއާ ފިހާރަ ތެރޭގައި ކުރެހުމުގެ މަސައްކަތް ކުރަމުން ގެންދަތާ މިހާރު ގާތްގަނޑަކަށް 8 އަހަރު ވެފައިވާއިރު، އެއާޓް ސްޓޫޑިއޯގައި ހިންގާ އެންމެ 40 މިނިޓްގެ މި ސެޝަންއިން އޭނާ ހިތްހަމަޖެހޭ މިންގަނޑަށް ކުރަހަން ދަސްކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އޭނާ ދެ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ދިވެހިންނާއި އަދި ގެސްޓުން ވެސް އޭނާ ހިންގާ ކުރެހުމުގެ ސެޝަންގައި ބައިވެރިވެ ކުރަހަން ދަސްކޮށްފައިވެ އެވެ.
"އެހާ ދިގު މުއްދަތެއްގެ ތެރޭގައި ކުރެހުމުގެ މަސައްކަތް ކުރެވިފައި ހުރީމައި މީހުންނަށް ދަސްކޮށްދޭން ފަސޭހަ. ދެން ބުނެވިދާނެ ރާއްޖޭގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މީހަކަށް އާޓްގެ މަސައްކަތް ދަސްކޮށްދޭ ފުރަތަމަ މީހާ އޭ އަޅުގަނޑަކީ،" އޭނާ ބުންޏެވެ.
މެންގޯ ފިހާރައިގައި މިހާރު މައިގަނޑު ގޮތެއްގައި ވިއްކަނީ ކުރެހުމާއި ގެސްޓުންނަށް ބޭނުންވާ ތަފާތު އެއްޗިއްސެވެ. ކުރަހަން ބޭނުންކުރަނީ ގުދުރަތީ ގޮތުން ލިބެންހުންނަ ތަކެތީގަ އެވެ. އޭގެ ތެރޭގައި ކާއްޓާއި، ނާއްޓާއި، ރުކުގެ ފަނާއި، ފުޅަފި އަދި ތޮށި ހިމެނެ އެވެ. އަދި މީގެ އިތުރުން ހުސްކޮށްފައި ހުންނަ ސޮފްޓް ޑްރިންކްސް ފުޅީގައި ވެސް އޭނާ ކުރަހަ އެވެ.
ހަމައެކަނި ސްވެނިއާ ވިޔަފާރިން އޭނާ ވަނީ ރަނގަޅު އާމްދާނީއެއް ހޯދިދާނެ ކަން ދައްކައިދީފަ އެވެ. އެ މަސައްކަތް ކޮށްގެން އެންމެ ފުރަތަމަ ހިންމަފުށީގައި ގެސްޓްހައުސްއެއް އޭނާ ހުޅުވި އެވެ.
މެންގޯ ހުސެން: ތަފާތު މޮޅުޑިޒައިނަރެއް
ހުސެންގެ ހުނަރުވެރި ދެއަތުން ކުރަން ނޭނގޭ މަސައްކަތެއް މަދެވެ. ރާނަ އެވެ. ސިމެންތި ޖަހަ އެވެ. ތަށިމުށިޖަހަ އެވެ. އެއީ މޮޅުވަޑިއެކެވެ. މޮޅު ޑިޒައިނަރެކެވެ. އޭނާގެ ފިހާރަ އަދި ގެސްޓް ހައުސް ޑިޒައިންކޮށްފައި ވާނީ ޚުދު އޭނާކަން އުފަލާއެކު ފާހަގަކުރެ އެވެ. ހުސެން ވަނީ ފޯއްކިބަ ބޭނުންކޮށްގެން ރައްޓެއްސަކަށް މަސް ޓޭންކެއް ޑިޒައިންކޮށްދީފަ އެވެ. އަދި އެ ޓޭންކު 5 އަހަރު ހަލާކު ނުވެ ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވެ އެވެ.
" މީގެ ދިހަބާރަ އަހަރު ކުރިން ހަދާފައި ހުރި އެއްޗެހި މިއަދު އިންޓަނެޓުން އެބަފެނޭ. އަޅުގަނޑު މިއަދުވެސް ހަދާނަން ދުނިޔޭގައި މީހުން އާންމުކޮށް ބޭނުންނުކުރާ މެޓީރިއަލް ބޭނުންކޮށްގެން ތަފާތު ޑިޒައިންތައް. އިމާރާތްތަކާއި، ފިހާރަތަކާއި، ރެސްޓޯރަންޓްތައް ހަދާ މީހުން ބަލާ ވަކި މެޓީރިއަލްއަކުން ހަދައިފިއްޔާ އެއްކަލަ އެތި ހަލާކުވާނެ ކަމަށް. އަޅުގަނޑު ނުވިސްނާނެ އެހެނެއް. ކޮންމެ މެޓީރިއަލްއަކުން ހެދި ނަމަވެސް އެހަލާކު ނުވެ ބެހެއްޓޭނެ ގޮތް ގޮތް ހުންނާނެ،" އޭނާ ކިޔައިދިނެވެ.
ހުސެންގެ މެސެޖް: ކުރާހިތްވާ ކަމެއްގައި ދެމިހުރުން މުހިންމު
ސްވެނިއާ މަސައްކަތަކީ އޭނާ އެންމެ ކުރާހިތްވާ މަސައްކަތެވެ. ކިތަންމެ ގިނައިރު އެމަސައްކަތުގައި އުޅެންޖެހުނު ކަމުގައިވި ނަމަވެސް ބުރަ މަސައްކަތެއް ކަމުގައި އެކަމެއް ނުދެކެ އެވެ. ތަޖުރިބާގެ އަލީގައި މަސައްކަތުގެ މައިދާނަށް މިއަދު އަލަށް ނުކުންނަ ޒުވާނުންނަށް ހުސެން ވަރަށް އަގުހުރި ނަސޭހަތެއްދިނެވެ. ކުރާހިތް ނުވާ މަސައްކަތެއް ކުރުމުގައި އުޅޭނަމަ އެކަމަކީ އުނދަގޫ އަދި ބުރަ މަސައްކަތެއް ކަމުގައި ދެކެވޭނެ ކަމެވެ. ފޫހިވާނެ ކަމެވެ. އެއާ އިޚިލާފަށް ކުރާހިތްވާ މަސައްކަތެއްގައި އުޅޭނަމަ އެ މަސައްކަތެއްގައި ވަގުތު ހޭދަކުރެވޭ ވަރުވެސް އިހްސާސެއް ނުވާނެ ކަމެވެ. މަސައްކަތް ނިމުމުން ހިތްހަމަޖެހުމެއް ވެސް ލިބޭނެ ކަމެވެ.
ޒުވާނުންނަށް އެނަދޭ ދެވަނަ ނަސޭހަތެއް ވެސް ހިއްސާކޮށްލި އެވެ. އެއީ ކިތަންމެ މައްޗަށް ތައުލީމު ލިބިފައިވީނަމަ ވެސް ވަޒީފާއެއް ނުލިބި ހުންނަ މުދަތުގެ ތެރޭގައި ކޮންމެވެސް މަސައްކަތެއް ކުރުމެވެ. އިތުރު މަސައްކަތެއް ކުރުމަކީ ހުސް ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނެ ގޮތެކެވެ.
"އަޅުގަނޑު މަސައްކަތް ފެށި ދުވަސްވަރަކީ ކުރިއަށްދާނެ ފުރުސަތުތައް ހަނި ދުވަސް ވަރެއް. އޭރު ކަންތައްތައް ހުރީ މާ އުނދަގޫކޮށް. އެހެން ނަމަވެސް މިއަދު ފުރުސަތުތައް ވަނީ ވަރަށް ފަހިކޮށް. މަސައްކަތް ގިނަ، ފައިސާ ހޯދޭނެ ވަސީލަތްތައް ތަނަވަސް. އެމަގުތަކާއި ފުރުސަތުތަކުގެ ބޭނުންކޮށްގެން ޒުވާނުން ހަމަކުރިއަށް ދާންވީ،" އޭނާ ބުންޏެވެ.
މިހާ ދިގުމުއްދަތެއްގައި އެއްމަސައްކަތުގައި ދެމިހުރުމުގެ ސިއްރަކީ އެ މަސައްކަތަށް އޭނާގެ ހިތުގައި ދެވިފައިވާ މަގާމެވެ. އަދި އޭނާގެ މަސައްކަތުގެ އަގުވަޒަންކޮށް މީހުން ދޫކޮށްލާ ތައުރީފުގެ ބަސްތަކެވެ. އެ ބަސްތަކުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ލިބޭ ލުއިކަމެވެ.