ސްރީނަގަރް (11 އޮކްޓޯބަރު) - ކަޝްމީރުގެ އިންޑިއާ ފަޅީގައި ހަރަކާތްތެރިވަމުން ދިޔަ އިންޑިއާ ސިފައިންގެ ފަސް މީހަކަށް ހަތިޔާރު އެޅި ހަނގުރާމަވެރިން ކަމަށް ޝައްކު ކުރެވޭ ބަޔަކު ބަޑިޖަހާ މަރާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ކަޝްމީރުގެ އިންޑިއާ ފަޅިއާއި ޕާކިސްތާނު ފަޅި ވަކި ކޮށްދޭ ލައިން އޮފް ކޮންޓްރޯލް ކައިރީގަ އެވެ. މި ހަމަލާތަކުގައި މަރުވެފައި ވަނީ ޖޫނިއާ ލެވެލްގެ އެއް ސިފައިންގެ މީހަކާއި ހަތަރު ސީނިއާ އޮފިސަރުންނެވެ.

މި ހަމަލާތަކަކީ މިއަހަރުގެ ފެބްރުއަރީ މަހު އިންޑިއާއާއި ޕާކިސްތާނާ ދެމެދުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ ފަހުން ދެވުނު މިފަދަ ނުރައްކާތެރި ފުރަތަމަ ހަމަލާ އެވެ.

އިންޑިއާއާއި ޕާކިސްތާނުން ދަނީ އިނގިރޭސުިންގެ ބާރުގެ ދަށުން އެދެގައުމު މިނިވަން ވީއްސުރެ ކަޝްމީރުގެ މައްސަލާގައި ކޯޅެމުންނެވެ. ދެ ގައުމުން ވެސް ދައުވާ ކުރާ ގޮތުގައި ކަޝްމީރުގެ ހިމާލިޔާ ސަރަހައްދަކީ އެ ދެގައުމުގެ ބިމެކެވެ.

މި ސަރަހައްދުގައި މީގެ ކުރިންވެސް އެތައް ކުރިމަތިލުން ތަކެއް ހިނގާފައިވާއިރު މި ކުރިމަތިލުންތަކުގައި ދެގައުމަށް ނިސްބަތްވާ ގިނަ ސިފައިންތަކަކާއި އާއްމުން ވެސް ވަނީ މަރުވެފަ އެވެ.

ކަޝްމީރުގެ މައްސަލައިގައި ފަހަކަށް އައިސް އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެފައިވާއިރު މިފަހުން ބޭއްވުނު އދގެ އާއްމު ޖަލްސާގައި ވެސް ދެގައުމުން ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކޮށްފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް