ކޮވިޑް ޖެހިގެން ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ގދ. ތިނަދޫގައި ހުންނަ ކޮވިޑް މަރުކަޒުގައި ފަރުވާކުރަމުން އައި ގއ. ގެމަނަފުށީ މީހެކެވެ.

ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ ގެމަނަފުއްޓަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ މީހެކެވެ. އަދި ކޮވިޑުގެ އަލާމާތްތައް ހުރުމުގެ ސަބަބުން އޭނާ އެ ފެސިލިޓީއަށް ގެންގޮސްފައިވަނީ މީގެ ހަފުތާއެއް ކުރިންނެވެ.

އެ މީހާ ނިޔާވީ ކޮވިޑުގެ ސަބަބުން ހާލު ބޮޑުވެގެން ކަމަށާއި، ވެންޓިލޭޓަރަށްލައި، ފަރުވާދެމުން އަންނަނިކޮށް ކަމަަށް ގެމަނަފުށީ ކައުންސިލުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ގެމަނަފުށި ކައުންސިލުން ބުނީ އެ މީހާއަކީ ކޮވިޑްގެ ބަލީގެ ސަބަބުން އެރަށުން ނިޔާވި ފުރަތަމަ މީހާ ކަމަށެވެ. އެރަށުން މިހާތަނަށް 243 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މި ވަގުތު ގެމަނަފުށީގައި ކޮވިޑަށް 67 މީހަކު ފަރުވާ ހޯދަމުން ގެންދާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

މި މަރާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 235 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 218 ދިވެހީންނާއި 17 ބިދޭސީންނެވެ.