ޖިންސީ ގޯނާ ކުރުމުގެ ބޮޑެތި ތުހުމަތުތަކެއް ސާބިތުވި ޖެފްރީ އެޕްސްޓެއިންގެ ފައިލްތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން އޮތް ކަން ހާމަވެއްޖެ އެވެ.
ދި ވޯލް ސްޓްރީޓް ޖާނަލް، ދަ ނިޔުޔޯކް ޓައިމްސް އަދި ސީއެންއެން އިން ރިޕޯޓް ކުރިގޮތުގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މި ފައިލްތައް އަލުން ބެލިއިރު އޭގައި ޓްރަމްޕްގެ ނަން އޮތްކަން އެމެރިކާގެ އެޓާނީ ޖެނެރަލް ޕަމް ބޮންޑީ ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެހެންނަމަވެސް ޓްރަމްޕްގެ ނަން އައިސްފައި ވަނީ އެ ފައިލްގައި ކޮން ކަންތައްތަކަކާ ގުޅިގެން ކަން ހާމަކޮށްފައެއް ނުވެ އެވެ.
1990 އާއި 2000 ގެ އަހަރުތަކުގައި އެޕްސްޓެއިން އާ އެކު ރަހުމަތްތެރިކަން އޮންނަކަމަށް މަޝްހޫރު ޓްރަމްޕް ވަނީ އެޕްސްޓެއިންއަކީ ރަނގަޅު މީހެއް ކަމަށާއި، އޭނާ ގަޔާވަނީ އުމުރުން ހަގު އަންހެނުން ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން މައްސަލަ ޖެހުމާ ގުޅިގެން އެޕްސްޓެއިން އާ 15 އަހަރުވީއިރު ވެސް ވާހަކަ ނުދައްކާ ކަމަށް 2019 ވަނަ އަހަރު ޓްރަމްޕް ވަނީ ބުނެފަ އެވެ.
ޖިންސީ ގޯނާގެ ކުށް ސާބިތުވުމާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އެޕްސްޓެއިން އަމިއްލަ އަށް މަރުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ޓްރަމްޕް ވަނީ އޭނާގެ ސިޔާސަތުގެ ދަށުން އެ ފައިލްތައް ހާމަކުރާނެ ކަމަށް ބުނެފަ އެވެ.