މޮސްކޯ (12 އޮކްޓޯބަރު) - އެމެރިކާއާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި އެދެވިގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސާޖިއޯ ރާބްކޮވް ވިދާޅުވެއްޖެ އެވެ.

ރާބްކޮވް މިހެން ވިދާޅުވީ ދެގައުމުގެ ގުޅުންތަކާ ބެހޭ ގޮތުން ކުރިއަށް ދިޔަ ވާހަކަތަކަށް ފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގަ އެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ދެގައުމުގެ ދެމެދުގައި އޮތް މައްސަލަތައް އަވަހަށް ހައްލު ނުކުރެވިއްޖެ ނަމަ ހާލަތު އިތުރަށް ގޯސްވުން އެކަށީގެންވެ އެވެ.

"ވާހަކަ ތަކަށް ބަލާފައި އެދެވިގެންވާ ކުރިއެރުން ލިބެމުން ދާކަމަށް ބުނެވޭކަށެއް ނެތް،" ރާބްކޮވްއާ ހަވާލާދީ ރަޝިއާގެ މީޑިއާއިން ބުނެފައިވެ އެވެ.

ރާބްކޮވް އިތުރަށް ވިދާޅުވީ މަޝްވަރާތަކުގައި މުހިއްމު ކަންތައްތަކެއް ސައްލާ ކުރެވުނު ކަމުގައި ވިޔަސް އެއްވެސް ކަމަކުން އެއްބަސްވުމަކާ ހިސާބަށް އާދެވިފައި ނުވާ ކަމަށެވެ.

ފިނި ހަނގުރާމައިން ފެށިގެން މި ދެގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު މިފަހުން އެގުޅުންތައް ވަނީ އިތުރަށް ހީނަރުވެފަ އެވެ. އެގޮތުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ ޑިޕްލޮމެޓުންގެ އަދަދާއި ހައި ކޮމިޝަންގެ ޒިންމާތަކާ މެދު ދެގައުމުގެ މެދުގައި ހިޔާލު ތަފާތުވުން ތައް ވަނީ އުފެދިފަ އެވެ.

މި މަޝްވަރާތަކާ ބެހޭ ގޮތުން އެމެރިކާއިން ރަސްމީކޮށް އެއްވެސް ބަހެއް އަދި ބުނެފައެއް ނުވެ އެވެ. – އަލް އަރަބިއްޔާ