މިއީ ގިނަ ބަޔަކަށް ދިމާވާ މައްސަލަ އެކެވެ. ގަޑިން ގަޑިއަށް ކެއުމަށް އާދަ ވެފައި ވިއަސް އަބަދު ބަނޑުހައިވެ ކާހިތްވެފައި ހުރެދާނެ އެވެ. ހާއްސަކޮށް ބަނޑު ފުރެންދެން ނުކެއެމުން ނުވަތަ ތައްޔާރީ ކާނާއަށް ދެވި ހިފާފަ ހުރުމުންވެސް މިހެން ދިމާވެ އެވެ.

ގިނަ ތައްޔާރީ ކާނާއަކީ އޭގައި ގިނަ އަދަދަކަށް ތެޔޮ ހިމެނޭ ބާވަތްތަކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ތެޔޮ ގިނަ އެއްޗެހި ބޭނުން ކުރުމުން އަވަހަށް ބަނޑުލައި ފަލަވާގޮތް ދިމާވެ އެވެ. އެހެންކަމުން ކެއުމުގެ ދެގަޑި ދޭތެރޭގައި ބަނޑުހައި ވެއްޖެނެނަމަ މޭވާއެއް ނުވަތަ ތަރުކާރީ ކާށެވެ. ނުވަތަ ކޮންމެވެސް ވައްތަރެއްގެ ބަދަނެއް ވެސް ބޭނުން ކުރެވިދާނެ އެވެ.

ކުޑަ ވަގުތުކޮޅެއްގައި ނިދުމަށްފަހު ގިނަ އިރު ހޭލާ އުޅުމުން ވެސް އަބަދު ބަނޑުހައިވާ ގޮތް ދިމާވެ އެވެ. މިހެންދިމާވަނީ ނިދި ހަމަނުވުމުގެ ސަބަބުން ހޯމޯންސްއަށް އަންނަ ބަދަލުގެ ސަބަބުންނެވެ. އަދި ނިދި ހަމަނުވަނީސް ހޭލެވުމުން މީހާ ލޮޑުވެ ވަރުބަލިވާ ގޮތް ވުމުން ބަނޑުހައި ކަން އިހްސާސްކުރެވެ އެވެ. ހީކުރެވިފައި އޮންނަނީ ގިނައިން ކެއުމުން ހަށިގަނޑުގައި ވަރުޖެހޭނެ ކަމަށެވެ. ނަމަވެސް ހޭލާގޮތަށް މާ ގިނައިން ކައިފިނަމަ އިތުރަށް ވަރުބަލިވެ ކަންނެތްވާ ގޮތް ވެއެވެ. އެހެންކަމުން މަދުވެގެން 7 ނުވަތަ 8 ގަޑިއިރު ނިދަން އާދަކުރާށެވެ.

މަސައްކަތުގައި ބުރަވެ ހާސްވާގޮތް ދިމާވުމުންވެސް ގިނަ ބަޔަކު ހާސްކަން ފިލުވާލުމަށް ގިނައިން ކެވޭގޮތްވެ އެވެ. އެގޮތުން މާބޮޑަށް ރުޅިއައުމުން ނުވަތަ ދެރަވުމުން ވެސް ގިނައިން ކެވޭގޮތްވެ އެވެ. މިއަށް ކިޔަނީ ސްޓްރެސް އީޓިން އެވެ. ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ވަރުވަލިކަން ނުވަތަ ހާސްކަން ފިލުވާލުމަށް މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. "ސްޓްރެސް ހޯމޯންސް" ހަމައަކަށް އެޅުމަށް ބޭނުންވާނީ ގިނައިން ކެއުމެއް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެވެސް ކުޅިވަރެއް ކުޅެވިދާނެ އެވެ.

ގިނައިން ފެންބުމަކީ ވެސް އަވަސް އަވަހަށް ބަނޑުހައި ކަމުން ދުރުކޮށްދޭ ކަމެކެވެ. ހާއްސަކޮށް އަހަރެމެންގެ ހަށިގަނޑަށް ގިނަ އަދަދަކަށް ފެންބޭނުންވާއިރު މިއީ ސިއްހީގޮތުން ވެސް ފައިދާ ހުރި ކަމެކެވެ. ހާއްސަކޮށް ނިދައި ހޭލުމަށްފަހު އަދި ކެއުމުގެ ކުރިން ގިނައިން ފެންބުއިމަށް އާދަކުރާށެވެ.