ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ސަތޭކައިން މައްޗަށް ހަފްތާއެއް ފަހުން އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިރުއޮއްސި 6:00 އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި 3،898 ސާޕްލް ޓެސްޓް ކޮށްފައިވާއިރު އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 110 މީހުންނެވެ. އެއީ ގްރޭޓާ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 26 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 75 މީހަކު އިތުރުން ރިސޯޓްތަކުން ނުވަ މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 85،732 މީހުންނަށް އަރާފަ އެވެ.

އެހެން ނަމަވެސް މާލެ ސަރަހައްދު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 50 ތިރީގަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،192 މީހުންނެވެ. މިހާތަނަށް 84،292 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 13 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިބަލީގައި މިހާތަނަށް 235 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.