ދޯހާ (13 އޮކްޓޯބަރު) - މިދިޔަ އޮގަސްޓް މަހު އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފާބައި ތާލިބާނުން އެ ގައުމުގައި އާ ދައުލަތެއް އިއުލާން ކުރުމާއެކު ހިނގި ހަމަނުޖެހުންތަކަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާއާއި ތާލިބާނުން މަޝްވަރާގެ ވާހަކަތަކުގައި ބައިވެރި ވެއްޖެ އެވެ.

އެމެރިކާއާއި ތާލިބާނުންގެ އިތުރުން އީޔޫގެ އޮފިޝަލުން ބައިވެރި ވެގެން ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ދިޔަ މި މަޝްވަރާ ބައްދަލުވުންތަކަކީ އުފެއްދުންތެރި ބައްދަލުވުންތަކެއް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި އެވެ.

އެގޮތުން އަފްޣާނިސްތާނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދޭން އެމެރިކާއިން އެއްބަސްވެފައިވާއިރު ތާލިބާނުންނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމަށް ވެސް މަޝްވަރާ ކުރެވުނެވެ.

ދެ ދުވަހަށް ދެމިގެން ދިޔަ މި ބައްދަލުވުން ތަކުގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި އަފްޣާނިސްތާނަށް ބައިނަލްއަގްވާމީ ދަތުރުފަތުރު ހުޅުވާލުމާއި އެގައުމުގައި ތިބި އެމެރިކާ އަދި އެހެން ގައުމުތަކުގެ ބިދޭސީންނަށް ރައްކާތެރިކަން ޔަގީންކުރުމުގެ އިތުރުން ޓެރަރިޒަމްގެ ނުރައްކަލުގެ ވާހަކަތައް ހިމެނެ އެވެ.

ވެރިކަމަށް އިސްވި ފަހުން އެއްވެސް ގައުމަކުން ތާލިބާނުންގެ ސަރުކާރު ރަސްމީކޮށް ބަލައިގަނެފައި ނުވާއިރު އެ ޖަމާއަތުން ދަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި އަފްޣާނިސްތާނުގެ ޖާގަ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ޖަމާއަތުން ބުނީ މި ދަނޑިވަޅުގައި އަފްޣާނިސްތާނަށް ބޭނުންވަނީ ބައިނަލްއެގްވާމީ އެހީތެރިކަން ކަމަށާއި އެއްވެސް ގޮތަކުން ކުރިމަތިވާ ފިއްތުންތައް ބަލައިނުގަނެވޭނެ ކަމަށެވެ. -- އަލް އަރަބިއްޔާ