ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލުމަށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން އިނގިރޭސި ވިލާތަށް ފަރުވާ ކުރަން ދިއުމަށް ފަހު ފަސްމަސް ދުވަސް ފަހުން ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވިސްނުން އަދިވެސް ދޫކޮށްނުލައްވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް ދެން މި މަސައްކަތް ކުރިއަށް ގެންދަވާނީ ރައީސް ސޯލިހާ ގުޅިވަޑައިގެން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ އެކު އިތުރަށް ސިޔާސީ މަސައްކަތް ނުކުރެވޭނެކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ އެދެ ބޭފުޅުންގެ ޒާތީ މައްސަލަތައް ހައްލުކޮށް ޕާޓީގެ ކަންކަން އަލުން ރަނގަޅު ކުރުމަށް ގޮވާލާފަ އެވެ.

އެހެންނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރައީސް ސޯލިހާއި ވާހަކަ ނުދައްކަވައި ހުންނަވަން ދުވަހަކު ވެސް ނުނިންމަވާ ކަމަށް ވިދާޅުވެފަ އެވެ.

އަޅުގަނޑު ދެންނެވި ވާހަކައަކީ މަޖިލިހަށް ހުށަހެޅޭ ބިލުތައް ޑްރާފްޓް ކުރެވިފައިވާ ގޮތްތަކަކީ އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށްވާ ޑްރާފްޓްތަކަކަށް ވުމުގެ ބޭނުންތެރިކަން ބޮޑޭ. އެއީއޭ އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާއާ ފުންކޮށް ދައްކަން އޮތް ވާހަކައަކީ
ރައީސް ނަޝީދު

ފާއިތުވި ދުވަސްތަކުގައި އެމްޑީޕީގައި ހިޔާލު ތަފާތުވުންތައް އުފެދި ސޯޝަލްމީޑިޔާގައި އެކި ވާހަގަތައް ދެކެވެމުންދާއިރު، ޕާޓީގެ މެމްބަރުންގެ ފަރާތުންވެސް ބަހުގެ ހަމަލާތަކެއް މަޖިލީހުގެ ތެރެއިންނާއި އެބޭފުލުންގެ ސޯޝަލް މީޑިޔާއިން ވަނީ ފެނިގެން ގޮސްފަ އެވެ.

އޭގެ އިތުރުން ނިމި ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުވެސް ދެ ފެކްޝަނަކަށް ބަހާލެވިގެން ވާދަވެރިކަމާއެކު ކުރިއަށް ދެވުނު އިރު، ރައީސް ޞާލިހްގެ ފެކްޝަނުން ވަނީ ރައީސް ނަޝީދުގެ ފެކްޝަން ބަލިކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ވެސް ކަށަވަރުކޮށްފަ އެވެ.