ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސަނާ ކިޔަމުންދިޔަ ޕީއެންސީގެ އެކްޓިވިސްޓަކު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީން ފާސްކޮށްފި އެވެ.

ޖޭއެސްސީ އިން ބުނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން އެ ކޯޓުން ނިންމީ، ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު އާއި ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ ކަމަށެވެ.

އެ ބޭފުޅުންގެ ތެރެއިން ޝަހީދަކީ ޕީއެންސީގެ އެކްޓިވިސްޓެކެވެ. މިހާތަނަށް އޭނާ ހުރީ ހޯމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ކަމުގެ މަގާމުގަ އެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި ރައީސް މުއިއްޒާއި މި ސަރުކާރުގެ ވަޒީރުން ބައިވެރިވެގެން މީގެކުރިން ހިންގި ހަރަކާތްތަކުގައި ވެސް ޝަހީދު ވަނީ ބައިވެރިވެފަ އެވެ.

ޝަހީދު ވަނީ ޕީޕީއެމް، ޕީއެންސީން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ބޭއްވި ޖަލްސާތަކުގައި ވާހަކަދައްކައި އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް މުއިއްޒަށް ތައުރީފްކޮށް ސަނާކިޔާފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ދެން ފާސްކުރި ޖަމީލަކީ ސިވިލް ކޯޓުގެ ގާޒީކަން ގިނަ ދުވަހު ކުރެއްވި ބޭފުޅެކެވެ.