އދ. އޮމަދޫގެ ބަނދަރު ހަލާކުވުމާއި ތިލަވަމުންދާތީ ބަނދަރު ބޭނުންކުރުމުގައި ދަތިކަމެއް ކުރިމަތިވަމުން އަންނާތީ އެކަން ހައްލުކޮށދިނުމަށް އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހު އެދެފި އެވެ.

ރައީސް ސޯލިހުގެ އަރިހުން މިކަމަށް އޮމަދޫ ކައުންސިލުން އެދިފައިވަނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެވެ.

ރައީސް އޮފީހުން ބުނީ އޮމަދޫ ކައުންސިލާއެކު ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގައި އެރަށަށް މިހާރު ދިމާވެފައިވާ ދަތިތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ މެދުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ރަށުގެ ބޮޑުބައެއް ގިރަމުންދާތީ ހުރި ކަންބޮޑުވުންތަކާއި، ނަރުދަމާ މަސައްކަތް ނިމުނުތާ އަހަރެއްވެފައިވާއިރު ވެސް ނަރުދަމާގެ ހިދުމަތް ނުފެށި ލަސްވެފައިވާ މައްސަލައާއި، ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތަކާއި، ސްކޫލްގެ ކްލާސްރޫމްގެ ޖާގައިގެ ދަތިކަމާއި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމަށް ރައީސް އަރިހުގައި ކައުންސިލުން ވަނީ އެދިފަ އެވެ.

މި ބައްދަލުކުރުމުގައި ރައީސް ސޯލިހު ވަނީ ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންތައްތައް އިސްކަންދޭ ތަރުތީބަކުން ފުރިހަމަކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން އޮމަދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ބަޖެޓުކުރެވިފައިވާކަމަށާއި، މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރަށުގެ ނަރުދަމާ ހިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވެފަ އެވެ.