އަނިލް ޝަރުމާ ޑައިރެކްޓުކޮށް އަމީޝާ ޕަޓޭލް އަދި ސަނީ ޑިއޯލް ލީޑު ރޯލު ކުޅެފައިވާ ފިލްމު "ގަދަރް" އަށް މިއަހަރު ޖޫން 15 ގައި ވަނީ 20 އަހަރު ފުރިގެން ގޮސްފަ އެވެ.

ފިލްމު "ގަދަރް"އަކީ ބޮޑު ކާމިޔާބީއަކާ އެކު ބުލޮކްބަސްޓައަކައްވި ފިލްމެކެވެ. ވަރުގަދަ ޑައިލޮގްތަކާއެކު ފިލްމުގައި ހަރަކާތެރިވި ކާސްޓުން ވަނީ ގައުމީ ލޯބީގެ އާދަޔާ ހިލާފު އެކްޓިނެއް ދައްކާފަ އެވެ.

ވިހި އަހަރަށް ފަހު ސަނީ އާއި އަމީޝާ އަދި އަނިލް ގަދަރްގެ ސީކުއެލްއައް އަލުން އެކުގައި މަސައްކަތް ކުރުމަށް ވަނީ ތައްޔާރުވެފަ އެވެ. މި ފިލްމުގައި އޮރިޖިނަލް ފިލްމުގައި އަމީޝާގެ ދަރިފުޅުގެ ބައިން ފެނިގެން ދިޔަ އުޓްކަރްޝް ޝަރުމާ ވެސް ފެނިގެންދާނެ އެވެ.

ސަނީގެ އިންސްޓާގްރާމްގައި ފިލްމުގެ ހަބަރު އިއުލާން ކުރަމުން ލިޔެފައި ވަނީ 20 އަހަރުގެ ދިގު މުއްދަތަކައްފަހު އިންތިޒާރު ނިމުން އައިސްފައިވާ ކަމަށެވެ.

https://www.instagram.com/p/CVCaW_xonLb/

"ގަދަރް 2" ގެ ގައި ފެނިގެންދާނީ ތާރާ، ސަކީނާ އަދި އެ މީހުންގެ ދަރިފުޅު ޖީތްގެ ދިރިއުޅުމުގެ ތެރެއިންނެވެ. މި ފިލްމުގެ ވާހަކަ ވެސް ކުރިއަށްދާނީ އިންޑިއާ ޕާކިސްތާންގެ ހަމަނުޖެހުމުގަ އެވެ.

އަނިލް ޝަރުމާ ޕްރޮޑަކްޝަންސް އާ ޒީ ސުޓޫ ޑިއޯސް އިން ޕުރޮޑިއުސް ކުރާ "ގަދަރް 2" ގެ ވާހަކަ ލިޔުމަށް ހަމަޖެހިފައިވަނީ ޝަކްތިމާން އެވެ.

"ގަދަރް 2" ގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއިރު ފިލްމު ރިލީޒް ކުރާނެ ކަމައް ލަފާ ކުރެވެނީ 2022 ގަ އެވެ.