ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ޑައިރެކްޓަރު ކަރަން ޖޯހަރް ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ނެރުނުތާ 23 އަހަރު ފުރުން ފާހަގަ ކޮށްފި އެވެ.
ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ނެރުނު "ކުޗް ކުޗް ހޯތާ ހޭ" އަކީ މިހާރުވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމެކެވެ. އަދި ދިވެހިންގެ މެދުގައިވެސް މަގުބޫލުވި ފިލްމެކެވެ.
މިއީ ކަރަން ޖޯހަރްގެ ފުރަތަމަ ޑައިރެކްޝަނަށް ވިއަސް މި ފިލްމުވެގެން ގޮސްފައި ވަނީ ބްލޮކްބަސްޓާ ފިލްމަކަށެވެ.
1998 ވަނަ އަހަރު ނެރުނު "ކުޗް ކުޗް ހޯތާ ހޭ" ލީޑް ރޯލުތަކުން ފެނިގެން ގޮސްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި ކާޖޮލް އަދި ރާނީ މުކަރުޖީ އެވެ.
"ކުޗް ކުޗް ހޯތާ ހޭ"ގައި ދައްކަނީ މަންމައަކު (ރާނީ މުކަރުޖީ) މަރުވަމުން އޭނާގެ ދަރިފުޅަށް ލިޔާ ސިޓީތަކެއްގެ ސަބަބުން ކަންތައްތައް ވަމުންދާ ގޮތެވެ. އެ ސިޓީތަކުގައި އޭނާ ލިޔެފައި ވަނީ އެ ކުއްޖާގެ ބައްޕަ (ޝާހްރުކް ޚާން) އާއި ބައްޕަގެ ބެސްޓް ފްރެންޑް (ކާޖޮލް) އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާ ކަމަށާއި ބައްޕަ އާއި ބެސްޓް ފްރެންޑް ގުޅުވަން މަސައްކަތް ކޮށްދިނުމަށެވެ.
"ކުޗް ކުޗް ހޯތާ ހޭ" އަށް 23 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކަރަން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިފިލްމަށް 23 އަހަރު ވެގެންދިޔައިރު ވެސް ބެލުންތެރިން މިފިލްމަށް ދެމުންދާ ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށެވެ. މިފިލްމުގައި ލޯބާއި ރަހުމަތްތެރި އަދި އެތަކެއް ހަނދާތަކެއް އެކުލެވޭ ކަމަށް ވެސް ކަރަން ވަނީ ބުނެފަ އެވެ.
ބޮލީވުޑްގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަން މިހާރު އަންނަނީ އޭނާގެ އަށް ވަނަ ޑައިރެކްޝަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު އަންނަ އަހަރު ރިލީޒް ކުރާނެ އެވެ. ކަރަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.