ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ހޯމް މިނިސްޓްރީގެ ބައި އުނި ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ހޯމް މިނިސްޓްރީގެ ބައި އުނި ކޮށްފި އެވެ.

ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތައް އެކުލެވޭ ގޮތުގެ ތަދްސީލް ރައީސް އޮފީހުގެ ވެބްސައިޓުގައި ފެންނަ ގޮތަށް ހުރެ އެވެ. ނަމަވެސް މިކަން މިގޮތަށް ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ފުލުހުންގެ މުއައްސަސާ އެ މިނިސްޓްރީގެ ދަށުން ވަކިކޮށްފައި ވަނިކޮށެވެ. މިހާރު ހޯމް މިނިސްޓްރީގެ ޒިންމާއަކީވެސް އަދި މަސައްކަތަކީވެސް ކޮބައިކަމެއް ނޭގެއެވެ. އަދި މިކަމާ ގުޅޭގޮތުން ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަނުކުރެއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން ވަކިކޮށް، ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅައިފައެއް ނުވެ އެވެ. އެހެންވެ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ސިޓީގައިވެ އެވެ. ނަމަވެސް ގާނޫނު ބުނާގޮތުން ކޮންމެ ވުޒާރާއެއްގައިވެސް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީ ވާނެ ވަޒީރަކު ހުންނަންވާނެ އެވެ. މިކަމާގުޅޭ ގޮތުން ގާނޫނީ ބޭފުޅުންވެސްދަނީ ސުވާލު ކުރަމުންނެވެ.