ބެއިރޫތު (19 އޮކްޓޯބަރު) - ލުބްނާނުގެ ސަރުކާރާއި އަސްކަރިއްޔާ ގުޅިގެއން މަސައްކަތް ކުރަނީ އެ ގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށުމަށް ކަމަށް ހިޒްބުﷲގެ ޗީފް ހަސަން ނަސްރުﷲ ތުހުމަތު ކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ހަމަނުޖެހުންތަކަށް ފަހު ވާހަކަ ދައްކަވަމުން ނަސްރުﷲ ވިދާޅުވީ ލުބްނާނުގެ މުއައްސަސާ ތަކުގެ އަސްލު އެޖެންޑާއަކީ ނަސާރާއިންނަށް ވަކި މުޖުތަމައުއެއް ގާއިމުކޮށް އެ މުޖުތަމައުގައި އެހެން ބައަކަށް ފުރުސަތު ނުލިބޭ ގޮތް ހެދުން ކަމަށެވެ.

ނަސްރުﷲ އިތުރަށް ވިދާޅުވި ގޮތުގައި ހިޒްބުﷲ އަކީ ކުރިއަށްވުރެ ވަރުގަދަ ޖަމާއަތަކަށް ވާއިރު ތަމްރީނު ވެފައިވާ 100،000 އަށްވުރެ ގިނަ އަސްކަރީންނާއި ހަތިޔާރުތައް އެޖަމާއަތަށް ލިބިފައިވެ އެވެ.

"ދާޚިލީ ހަނގުރާމައެއް ފެށުމަށް ސަރުކާރާއި އެހެނިހެން މުއައްސަސާތަކުން ކުރަމުންދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަން،" ނަސްރުﷲ ވިދާޅުވި އެވެ.

ބެއިރޫތުގައި މިދިޔަ އަހަރު ހިނގި ވަރުގަދަ ގޮވުމުގެ ޝަރީއަތާ ދެކޮޅަށް ހިޒްބުﷲގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުން ތަކުގައި ހަތް މީހަކު މަރުވެ ގިނަ ބަޔަކަށް ވަނީ އަނިޔާ ވެފަ އެވެ.

ނަސްރުﷲ ވަނީ އެދުވަހުގެ ހަމަނުޖެހުންތަކަށް ޒިންމާވާ ފަރާތްތައް ހޯދާ އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ލުބްނާނުގެ މުއައްސަސާތަކުން ނަސްރުﷲގެ ތުހުމަތުތައް ދޮގުކުރަމުން ބުނެފައި ވަނީ ހަމަނުޖެހުންތަކުގެ ފެށުމަކަށް ވީ އެޖަމާއަތުގެ ސަޕޯޓަރުން ނަސާރާއިންގެ އަވަށަކަށް ގޮސް މުޒާހަރާ ކުރުން ކަމަށެވެ.

މިކަމަށް ރައްދު ދެމުން ނަސްރުﷲ ވިދާޅުވީ ހިޒުބުﷲ އަކީ ނާސާރާއިންގެ ދުޝްމިނެއް ނޫން ކަމަށާއި ނަސާރާއިންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޚުދު ލުބްނާނުގެ މުއައްސަސާތައް ކަމަށެވެ. – އަލް އަރަބިއްޔާ