ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ ކުދިން ބައިތިއްބަން އެކަށީގެންވާ ރައްކާތެރި ތަނެއް ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ޖަލަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކާތެރިކަން އެ ތަނުގައި ތިބޭ ކުދިންނަށް ލިއްބައިދެވޭނެ ތަނެއް ނޫން ކަމަށެވެ.
އެ ކޮމިޝަނުން 2020 ވަނަ އަހަރުގެ ނޮވެންބަރު 8 އިން ފެށިގެން 10 އަށް ހިންމަފުށީ އައްސޭރި ޖަލަށް ޒިޔާރަތްކުރުމުން އެ ޖަލުގައި ބިނާކުރަމުންދާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ކުރިއަށް އޮތް 3 މަހުގެ ތެރޭގައި ނިމޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނި ނަމަވެސް މަސައްކަތް ނިމިފައިނުވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި އެވެ. އެ މުއްދަތުގައި ޖަލުގެ މަސައްކަތް ނިންމާފައިނުވާތީ މިހާރު ޖަލުގައި ތިބި ކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށާއި، 14 އޮކްޓޫރުން ފެށިގެން 30 ދުވަހަށްފަހު އެ ޖަލުގައި އެއްވެސް ކުޑަކުއްޖަކު ބަންދުނުކުރުމަށް އެ ކޮމިޝަނުންވަނީ ކަރެކްޝަންސްއަށް އަންގާފަ އެވެ.
ރާއްޖޭގެ ޤާނޫނުތަކުގެ އިތުރަށް ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވެސް އެތަން ނުފެތޭކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރުސީ)އާއި ދެ ބެއިޖް ރޫލްސްއާވެސް އެ ތަނުގެ ހާލަތު ފުށުއަރާ ކަމަށް އެޗްއާރުސީއެމުގެ ބަޔާނުގައި ބުނެފައިވެ އެވެ.