ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރަށް ސަރުކާރުން ކަނޑައެޅި މިންވަރަށް ބިލުތައް ނާންނާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި. ނަޝީދު ވިދާޅުވީ މިއަހަރުގެ ފަހު ދައުރުގައި ސަރުކާރުން ފޮނުވާނެކަމަށް ބުނި 32 ބިލު މިދައުރުގައި މަޖިލީހަށް ލިބޭނެކަމަށް ލަފާ ނުކުރެވޭ ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރަށް ސަރުކާރުން ކަނޑައެޅި މިންވަރަށް ބިލުތައް ނާންނާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މިއަހަރުގެ ފަހު ދައުރުގައި ސަރުކާރުން ފޮނުވާނެކަމަށް ބުނި 32 ބިލު މި ދައުރުގައި މަޖިލީހަށް ލިބޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް 32 ބިލެއް ހުށައަޅަން ގަސްތުކުރާކަމަށް އޭޖީ އޮފީހުން ކުރިން ހާމަކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ހުށައަޅާފައިވަނީ އެންމެ ހަތަރު ބިލެވެ. ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލްތަކުގެ މަސައްކަތްތައް ކޮމެޓީތަކުގައި ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އޭގެ ތެރެއިން ހެއްކާ ބެހޭ ބިލާއި، މަދަނީ އިޖުރާއަތު ބިލުގެ މަސައްކަތް ޖުޑީޝަރީ ކޮމިޓީން ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ބިލުތަކުގެ ލިސްޓް ފޮނުވާފައިވާއިރު، އޭގެ ތެރޭގައި މުހިއްމު ބިލުތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހެއްކާ ބެހޭ ބިލާއި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލާއި، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލުވެސް ހިމެނެ އެވެ.

މީގެ އިތުރުން ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުތައް ވެސް ސަރުކާރުން ފޮނުއްވި ލިސްޓުގައި ހިމެނެ އެވެ.

ސަރުކާރުން މަޖިލީހަށް ބިލުތައް ނުފޮނުވާތީ ކުރަންޖެހޭ މަސައްކަތްތައް މަދުވެ މަޖިލީހުގެ ޖަލްސާތައް މިހާރަކަށް އައިސް 12 ޖަހާއިރު ނިންމާލަން ޖެހެ އެވެ.