މި ސަރުކާރުގެ އެންމެހާ ސިޔާސަތުތައް ބައްޓަންކުރެވިފައި ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމްތަކުރުމާއި އެކަމުގެ ވިޔަފާރި ހުއްޓުވުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) އަދި އޮސްޓްރޭލިއާގެ އޮސްޓެރޭލިއަން ފެޑެރަލް ޕޮލިސް (އޭއެފްޕީ) ގެ ވަފްދުގެ ބޭފުޅުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

ނައިބް ރައީސް ފައިސަލްގެ ރަސްމީ ގެކޮޅު ހިލާލީ ގޭގައި ރޭ ބޭއްވި ބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވަނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ބަޖެޓާއި ވަސީލަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ބޭނުންކުރުމަށާއި އެ ހިދުމަތުގެ ހިންގުމުގެ އޮނިގަނޑާއި ގާބިލިއްޔަތު އިތުރުކުރުމަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން މަސްވަރާކުރައްވާފަ އެވެ.

ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާ ފުޅާކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސް ދިވެހި މުޖުތަމައު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް އަދުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމްތަކުރުމާއި އެކަމުގެ ވިޔަފާރި ހުއްޓުވުމާއި ފަރުވާ ދިނުމާއި އަނބުރާ މުޖުތަމައަށް ފައިދާހުރި ބައެއްގެ ގޮތުގައި ގެނައުމަކީ މިސަރުކާރުން އިސްކަމެއް ދެއްވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޑީއީއޭ އަދި އޭއެފްޕީގެ ވަފްދުގެ ބޭފުޅުން ވަނީ އެ އިދާރާތަކުން މި ސަރަހައްދުގެ ގައުމުތަކުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެއް މައުލޫމާތު ނައިބް ރައީސާ ހިއްސާކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި، މަސްތުވާތަކެއްޗާއި ދެކޮޅަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކުރައްވާ، ދިވެހި ފުލުހުންގެ ހިދުމަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ޑީއީއޭ ގެ ވަފްދުގެ ބޭފުޅުން ހާމަކުރައްވާފައިވެ އެވެ. އަދި އިތުރު ތަމްރީނު ފޯރުކޮށްދިނުމާއެކު އާންމުންނާއި މުއާމަލާތްކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އޮފިސަރުންގެ ޕްރޮފެޝަނަލިޒަމް އިތުރުކުރުމާ ބެހޭގޮތުންވެސް ޑީއީއޭ ގެ ވަފްދުގެ ބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ.

އެބޭފުޅުން ވަނީ ހެލްތު މިނިސްޓަރާއެކު މީގެ ކުރިން ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެކެވުނު ބައެއް ވާހަކަތައްވެސް ނައިބް ރައީސާ ހިއްސާކުރައްވާފަ އެވެ. އެގޮތުން މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމަށް އަމާޒުކޮށް ޑީއީއޭ އަދި އޭއެފްޕީން ތައްޔާރުކޮށް ބޭނުންކުރާ ބައެއް ރެފަރަންސް މެޓީރިއަލް ދިނުމުގެ އިތުރުން މިފަދަ މައްސަލަތަކުގެ ސީރިއަސްކަން ބޭރުގެ ކަމާގުޅޭ އެމްބަސީތަކަށް ފޯރުކޮށްދިނުމާއި އެތަންތަނުން މިކަންކަމުގައި ހެލްތު މިނިސްޓްރީއަށް ބޭނުންވާ އެއްބާރުލުން ހޯދުމުގައި އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ވަފްދުގެ ބޭފުޅުން ނައިބު ރައީސް ފައިސަލަށް އެރުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވަފްދުގެ ބޭފުޅުން ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އަމާޒުކޮށް މި ސަރަހައްދުގެ ގައުމުތަކުގެ ކަމާގުޅޭ އިދާރާތަކާއެކު ގާތުން މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އަރުވާފަ އެވެ. އަދި މި ސަރަހައްދުގެ ގައުމުތަކުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ އެންމެހާ މަސައްކަތްތަކުގައި އެ ދެ އިދާރާގެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވި އެވެ.