ރިޔާދު (24 އޮކްޓޯބަރު) - 2030 ވަނަ އަހަރާ ހަމައަށް ދާއިރު ސައޫދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ބޭނުން ކުރެވޭ ކާރުތަކުގެ 30 ޕަސެންޓަކީ ކަރަންޓު ކާރުތަކަށް ހެދޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ހޮނިހިރު ދުވަހު އިއުލާން ކުރެވުނު މި އަމާޒަކީ އެ ގައުމުގެ އާ ތިމާވެށީގެ ސިޔާސަތުތަކުގެ ދަށުން އިއުލާން ކުރެވުނު އަމާޒެކެވެ. މިއީ ކުރިއަށް އޮތް ނުވަ އަހަރު ތެރޭގައި ރިޔާދުގެ ކާބަން އެމިޝަން މަދުކުރުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ.

ހަމަ އެދުވަހު ސައޫދީ އަރަބިއާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ވަނީ 2060 ވަނަ އަހަރާ ހަމައަށް ސައޫދީ އަރަބިއާއަކީ ކާބަން ފްރީ ގައުމަކަށް ހެދުމުގެ މަޝްރޫއު އެއް އިއުލާން ކޮށްފަ އެވެ.

ސައޫދީ އަރަބިއާގެ މިނިންމުމަކީ ތެލުގެ އެހީގައި ވެހިކަލް އޮޕަރޭޓް ކުރާ ބޮޑެތި ގައުމުތަކުން ތިމާވެށްޓާ ރައްޓެހި ގޮތްތައް އިހުތިޔާރު ކުރުމަށް ހިތްވަރު ދިނުމަށް ނިންމި ނިންމުމެއް ކަމަށް ވެސް އެގައުމުގެ އިދާރާތަކުން ބުނެފައިވެ އެވެ. އެގޮތުން ޗައިނާއާއި އިނގިރޭސި ވިލާތުން ވެސް ވަނީ ކަރަންޓު ކާރު ބޭނުން ކުރުމުގެ އަމާޒެއް ކަނޑައަޅާފަ އެވެ.

"އަހަރުމެންގެ ކާބަން ފުޓްޕްރިންޓް ދަށް ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ މިއީ،" ރިޔާދު ރޯޔަލް ކޮމިޝަންގެ ރައީސް ފަހްދު އަލް ރަޝީދު ވިދާޅުވި އެވެ.

ސައޫދީ އަރަބިއާގެ އެހެން ސަރަހައްދުތަކުގައި ވެސް މިފަދަ މަޝްރޫއުތައް ކުރިއަށް ދާނެކަން އަދި ޔަގީންވެފައި ނުވާއިރު އަލަށް ބޭނުންކުރަން ފަށާ ވެހިކަލްތަކުގެ ގަވާއިދަށް ބަދަލު އަންނާނެކަން ވެސް އަދި އޮތީ ނޭނގި އެވެ.

ސައޫދީ އަރަބިއާއިން އަންނަނީ ކަރަންޓުން އޮޕަރޭޓްކުރާ އީވީ ކާރުތައް އުފެއްދުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުންފުނިތަކާއެކު މަޝްވަރާ ކުރަމުންނެވެ. – އަލް އަރަބިއްޔާ