ފުލުހުންގެ ބޯޑުން ވަކިކުރަން ނިންމާފައިވާ އޮފުސަރުންގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް ތިން އޮފިސަރުން ވަޒީފާއިން ވަކިނުކުރުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

ހައި ކޯޓުން ފުލުހުންގެ ވަޒީފާއިން ވަކިކުރުން މަޑުޖައްސާލަށް އަމުރު ކޮށްފައިވާ އޮފިސަރުންނަށް ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

ފުލުހުންގެ އޮފިސަރުން ވަޒީފާއިން ވަކި ކުރާތީ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ސިވިލް ކޯޓުން ބަލަމުންދާ މައްސަލަ ބަލައި ނިމެންދެން އެ މީހުން ވަޒީފާއިން ވަކިކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައި ވަނީ މިދިޔަ ހަފްތާގަ އެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފުލުހުންގެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވެފައި ވަނީ ސިވިލް ކޯޓުގައި ކުރިއަށްދާ މައުލޫއީ މައްސަލަ ނިމެންދެން އޮފިސަރުން ވަކިކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅި ސަބަބުތައް ބުނެދީފައި ނުވާ ކަމަށެވެ. އަދި އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ނިންމުމަށް ވާސިލްވެވުނު ސަބަބު ވެސް ބުނެދެވިފައި ނުވާ ކަމަށެވެ. ކޯޓުން ކުރެވޭ ހުކުމުގެ އިތުރުން ވަގުތީ އަމުރާމެދު ގޮތެއް ކަނޑައަޅާއިރު އެ ކަނޑައަޅާ ސަބަބު ބުނެދިނުމަކީ ހަސްމުންނަށް ދޭން ޖެހޭ ހައްގެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އޮފިސަރުން ވަޒީފާ އިން ވަކިކޮށްފައިވަނިކޮށް އެމީހުންނާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް އެއްފަހަރާ އެ މީހުންނަށް ދޭން ޖެހި، ދައުލަތަށް ވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ނަމަވެސް މި މައްސަލައިގައި އިތުރަށް ޝާމިލްވާ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު މިހާރު ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައި ވަނީ 7 އޮފިސަރުންނެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

މި އޮފިސަރުންނަށް ފިޔަވަޅު އަޅަން ޕޮލިސް ބޯޑުން ނިންމާފައި ވަނިކޮށް ސިވިލް ކޯޓަށް 5 އޮފިސަރެއްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް މަރިޔަމް ނިހާޔަތުގެ ދިވެހި ޗޭމްބާޒް ލޯ ފާމުންނެވެ.