ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖެން ހޮޓަލުގައި ބަހައްޓައިގެން ސަރުކާރުން ކުރާ ހަރަދުތަކީ ގާނޫނާ ހިލާފަށް ހިންގާ އަމަލެއް ކަމަށާއި އެއީ ކޮރަޕްޝަނެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރައީސް ނަޝީދުގެ ބޭސްފަރުވާއަށް ލަންޑަނުގައި ބަހައްޓައިގެން މަހަކު ލައްކައަކަށްވުރެ ގިނަ ޕައުންޑް ރައީސް ނަޝީދަށް ހޭދަކޮށްފައިވާ ކަމަށެވެ. އަދި ޖެން ހޮޓަލުގެ ހަރަދު ގާނޫނާ ހިލާފް ކޮރަޕްޝަންގެ އަމަލެއް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

"ކުރިން ކަމުނުދިޔަ މައުމޫނިޒަމްގެ ގަނޑުވަރު، ސެކިއުރިޓީ، އިއްޒަތް މިހާރު ބޭނުންވޭ. ޖެން ހޮޓަލުގެ ޚަރަދު ޤާނޫނާ ޚިލާފް ކޮރަޕްޝަންގެ ޢަމަލެއް. އެންމެ ފުރަތަމަ އިޞްލާޙުކުރަންވީ ޚަރަދުކުރުމުގެ ނިޒާމް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ރޭ ޕީޕީއެމްގެ ޖަގަހަ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލް ހުޅުމާލެ ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ނަޝީދަށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ހޮޓެލް ޖެންއަށް ދުވާލަކަށް 6،000 (ހަހާސް) ޑޮލަރު ދައްކަވަމުން އަންނަ ކަމަށެވެ.

އަދި ރައްޔިތުން އަސާސީ ހިދުމަތްތައް ނުލިބި، މަހުން މަހަށް ދައްކަން ޖެހޭ ބިލުތައް ނުދެއްކިގެން އުޅޭއިރު، ރައްޔިތުންގެ ފައިސާއިން މިގޮތަށް ހަރަދު ކުރުމަކީ ރައްޔިތުން ވިސްނާލަން ޖެހޭ ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން، ހިޔާ ފްލެޓުގައި އާންމުން ދިރިއުޅެނީ ދަތި ހާލުގައި ކަމަށް ވިދާޅުވާ ވިދާޅުވުމާއި، އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ގޮވާލުން، ޝުޖާއު ވަނީ ތަކުރާރު ކުރައްވާފަ އެވެ.