ކ. ރަސްފަރި ފަރަށް އާގު ބޯޓު އެރި މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ އާގުބޯޓުގެ ވެރިފަރާތުން 893 މިލިއަން ރުފިޔާ ދައްކަން އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އަންގައިފި އެވެ.

އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ "އެމްވީ ނެވިއޯސް އެމެރައިލިސް" ނަމަކަށް ކިޔާ އެ ބޯޓު ރަސްފަރީ ފަރަށް އެރުމާ ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ގާނޫނު ނަންބަރު:4/93 ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު:9-R/2011 ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު ގެ ދަށުންނެވެ.

ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިމަހުގެ 25ގައި އަންގާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ބޯޓު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އާއި އެމްއެންޑީއެފާއި ގުޅިގެން އެ ސަރަހައްދު ބަލައި ސާވޭކުރި ކަމަށާއި ބެލިބެލުމުން އެ ފަރުގެ 8867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމަށްފަހު ބޯޓު ޖޫރިމަނާ ކުރުމަށް ކަނޑައެޅީ 893.95 މިލިއަން ރުފިޔާ އިން ކަމަށެވެ. ނަމަވެސް، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށްވާތީ އެ އަދަދަށް ފައިސާ ދައްކާ ހަލާސްކުރުމަށް އެންގީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރަސްފަރީގެ ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، 19 ފިލިޕީންސް މީހުނާއެކު ދަތުރުކުރި ނަވިއޮސް އަމަރިލްސް، ބޯޓު އުރުނީ އިންޖީން ހުއްޓުމުގެ ސަބަބުންނެވެ. އެ ބޯޓަކީ ގްރީކް ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ.

ރަސްފަރި ފަރަށް އާގު ބޯޓު އުރުނީ 19 އޯގަސްޓްގަ އެވެ. އެ ބޯޓު ފުން ކުރީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ.