ތެހްރާން (27 އޮކްޓޯބަރު) - ޔޫރަޕްގެ ގައުމުތަކާއެކު 2015 ވަނަ އަހަރު ވެފައިވާ ނިއުކްލިއާ އެއްބަސްވުން ހުއްޓިފައި އޮންނަތާ ގިނަ ދުވަސް ތަކެއް ފަހުން އެގައުމުތަކާއެކު އަލުން މަޝްވަރާތައް ފެށުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށް އެގައުމުގެ މީޑިއާއިން ބުނެފި އެވެ.

ނަން ހާމަކޮށްފައި ނުވާ ސަރުކާރުގެ މަސްދަރަކުން އީރާނުގެ ޕްރެސް ޓީވީއަށް މައުލޫމާތު ދިން ގޮތުގައި ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ރަސްމީ ގޮތެއްގައި ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިރިޕޯޓުތައް އައިސްފައިވަނީ އެގައުމުގެ ނިއުކްލިއާ މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލެއް އެކަމުގެ ސިލްސިލާގައި ބެލްޖިއަމްގެ ވެރިރަށް ބްރުސެލްސްއަށް ދަތުރެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

"ޔޫރަޕްގެ ތިން ގައުމަކާ އެކު ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް ފެށުމަށް އީރާނުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި،" ނަން ހާމަކޮށްފައި ނުވާ މަސްދަރާ ހަވާލާދީ ޕްރެސް ޓީވީއިން ބުނެފައިވެ އެވެ.

ޕްރެސް ޓީވީއިން އިތުރަށް ބުނީ ޔޫރަޕްގެ ތިން ގައުމަކަށް މަޝްވަރާތަކުގައި ބައިވެރި ވުމަށް ދައުވަތު ދެވިފައިވާއިރު އެއިން އެއްވެސް ގައުމަކުން މިހާތަނަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

2015 އަހަރު ވެވުނު ނިއުކްލިއާ އެއްބަސްވުމުގައި ޔޫރަޕްގެ ބާރުތަކުގެ އިތުރުން އެމެރިކާއާއި ރަޝިއާ އަދި ޗައިނާ ހިމެނެ އެވެ. މި އެއްބަސްވުން ވަނީ މި ޖޫން މަހު ހުއްޓުމަކަށް އައިސްފަ އެވެ. – އަލް އަރަބިއްޔާ