ރައްޔިތުންނަށްޓަކައި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ކުރާ ކޮންމެ ކަމަކީ އޭގެ ކޮލިޓީ ހިފެހެއްޓިގެން ކުރަންޖެހޭ ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ފުވައްމުލަކު މަސްޖިދުލް ހުދާ ބިނާކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅު ވަނީ ރައްޔިތުންނަށް ކުރާ ކޮންމެ ކަމެއްގައި ކޮލެޓި ހުންނަން ކަމަށެވެ.

މިސްކިތުގެ ބިންގާ އަޅުވައިދެއްވުމަށްފަހު ނައިބު ރައީސް ވަނީ ފުވައްމުލަކު ސްކޫލަށް ޒިޔާރަތް ކުރައްވާ، އެ ސްކޫލްގައި އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް އިތުރަށް ބޭނުންވާ ކްލާސްރޫމް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފަ އެވެ.

ފުވައްމުލަކު ސްކޫލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުއްވުމަށް ފަހު ނައިބް ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުން ރާއްޖޭގައި ތަޢުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން ގެންގުޅުއްވާ ވިސްނުމަކީ ސްކޫލްތަކުގައި ފަސޭހަކަމާއެކު ރަނގަޅު މާހައުލެއްގައި ކުދިންނަށް ކިޔަވައިދިނުމުގެ ފުރުސަތު ހޯދައިދީ އަދި މުވައްޒަފުންނަށް އެކަންކަން ކުރެވޭނެފަދަ މާހައުލެއް އިރާދަކުރެއްވިއްޔާ ގާއިމްކޮށްދިނުން ކަމަށެވެ.

މިއަދު ހެނދުނު ނައިބު ރައީސް ވަނީ ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލަށް ވަޑައިގެން، ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

ވަކިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ތައުލީމު ފޯރުކޮށްދޭން ތިއްބަވާ އެންމެހާ ފަރާތްތަކުން، ރަށުގެ މަސްލަހަތާއި ކުދިންގެ މުސްތަގުބަލު އެހެން ހުރިހާ ކަމެއްގެ މައްޗަށް އިސްކުރަންޖެހޭކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކުގެ ހަތަރު އަވަށުގެ ހަތަރު ސްކޫލްގެ އިސްވެރިން ބައިވެރިވެވަޑައިގެން އެ ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، އެކަންކަމާއިމެދު މަޝްވަރާކުރައްވައިފައިވެ އެވެ.