ހިޔާ ފްލެޓް ސަރަހައްދުގައި އެޗްޑީސީއިން ގާއިމްކޮށްފައިވާ ސެލިއުލާ ޓަވަރުތަކުގެ ބޭނުންކޮންގެން ހިދުމަތް ދިނުމަށް ދިރާގާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޗްޑީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް 2 ވަކިން ހާއްސަކޮށް ހިޔާ ފުލެޓް ސަރަހައްދުގެ މުވާސަލާތީ ގުޅުމާ ވަކިން ހާއްސަކޮށް މޮބައިލް ކޮވަރޭޖް ރަނގަޅުވެގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ފޭސް 2 ގެ ޕްލޭންއާ އެއްގޮތަށް އިތުރު ޓަވަރުތައް ހަރުކުރެވިގެންދާއިރު އެ ޓަވަރުތައް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެދާއިރާގައި ހިދުމަތް ފޯރުކޮށްދެމުންދާ އެހެން ކުންފުނިތަކާއެކު ވެސް މުސްތަގުބަލުގައި އެއްބަސްވުންތައް އެކުލެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ އެ ޓަވަރުތަކުގެ އެންމެ ބޮޑު އެއް މަގުސަދަކީ ވަކި ވަކިން ގިނަޓަވަރުތަކެއް ކުންފުނިތަކުން ހަރުކުރުމުގެ ބަދަލުގައި ހުޅުމާލެ ފޭސް 2 ގެ ތަރައްގީގެ ޕްލޭންއާ އެއްގޮތަށް އެކަށީގެންވާ ވަރަށް ޓަވަރު ހަރުކުރެވި ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވެގެން ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތަށް ޓަވަރުތައް ބޭނުންކުރުމުން މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުނިތަކުން ކުރަން ޖެހޭ އިންވެސްޓްމަންޓް ހަރަދު ކުޑަވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އަދި އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ހުންނަ ޓަވަރުތަކުގެ އަދަދު މަދުވުމުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށާ އެކަމަށް ބޭނުން ކުރެވޭ ބިން ސަލާމަތްކުރެވިގެން ދާނެ ކަމަށާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތުކުޑަވެ އާއްމުނަށް ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ފުރިހަމަ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް މުވާސަލާތީ ހިދުމަތްތަކުން ގުޅާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ ކުރިމަގުގައި ކަވަރޭޖް ރަނގަޅުކުރުމަށް ރޫފްޓޮޕް ޕޯލްސް އަދި ސްޓްރީޓް ޕޯލްސް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހުރިހާ ޓަވަރުތަކާއި ޕޯލްތަކަކީ ވެސް މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ބޭނުން ކުރެވޭނެ ގޮތަށް ހަރު ކުރެވިގެންދާނެ ވަސީލަތްތަކެއް ކަމަށް އެޗްޑީސީން ބުނެ އެވެ.