ސިންގަޕޫރު (27 އޮކްޓޯބަރު) - ސިންގަޕޫރުގެ ކޮވިޑް އަދަދުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރެކޯޑު މިންވަރަކަށް މަތިވެފައިވާތީ، އެ އާދަޔާ ޚިލާފު ބަދަލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެގައުމުން 5،324 ކޮވިޑް ކޭސް ފެނިފައިވާ އިރު އެއީ ޕެންޑެމިކް ފެށުނީއްސުރެ ފެށިގެން މިހާތަނަށް އެގައުމުގައި ރެކޯޑު ކުރެވުނު އެންމެ ގިނަ ކޭސްތަކުގެ އަދަދެވެ. އެއާއެކު އިތުރު 10 މީހަކު ވެސް ވަނީ އިއްޔެ އެގައުމުން ކޮވިޑް ބަލީގައި މަރުވެފަ އެވެ.

"މިއަދު ރެކޯޑް ކުރެވުނު ކޭސްތަކުގެ އަދަދު އާދަޔާ ޚިލާފަށް ގިނަ. މިއަދު ލެބޯޓްރީތަކުން ޓެސްޓު ކުރެވުނު ގިނަ ސާމްޕަލް ތަކެއް ވަނީ ޕޮޒިޓިވް ވެފައި،" ބުދަ ދުވަހުގެ ރޭ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޭސްތަކުގެ އަދަދަށް އައިސްފައިވާ އެ އާދަޔާ ޚިލާފު މަތިވުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކޭސްތަކުގެ ޓްރެންޑަށް އަންނަ ބަދަލުތައް މޮނީޓާ ކުރެވެމުން ދާނެ ކަމަށެވެ.

ސިންގަޕޫރުގައި ކޮވިޑް ކޭސްތައް އަލުން އިތުރު ވަމުންދިއުމާއެކު އެގައުމުގެ ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތައް އަލުން އަޅާފަ އެވެ. އެގޮތުން އާއްމު އެއްވުންތައް މަނާކޮށް ރެސްޓޯރެންޓުތަކުން ޚިދުމަތް ހޯދުމުގައި ދެމީހުންނަށްވުރެ އިތުރު ނުކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.

ސިންގަޕޫރުގެ އާބާދީގެ 84 ޕަސެންޓްއަކީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ އާބާދީއަކަށް ވާއިރު އެގައުމަކީ ދުނިޔޭގެ ނިސްބަތުން ވެކްސިން ރޭޓް އެންމެ މަތީގައި އުޅޭ އެއް ގައުމެވެ. – ދަ ސްޓްރެއިޓް ޓައިމްސް